19 Oct 2012, 13:06
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، މާލޭގައި ތަކެތީގެ އަގުތަށް މައްޗަށް ދިޔަ ނިސްބަތް ނޫނީ އިންފްލޭޝަން ރޭޓް 14.77 ޕަސެންޓަށް އަރާފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ޑިޕާޓްމަންޓްން އާންމުކޮށްފައިވާ އިންފްލޭޝަން މިން ކުރާ، "ކޮންޒިއުމާ ޕްރައިޒް އިންޑެކްސް" (ސީޕީއައި)ގެ މިދިޔަ މަހުގެ ހިސާބުތަކުން ދައްކާ ގޮތުން މަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނާވެސް މާލޭގެ އިންފްލޭޝަން ރޭޓް މިދިޔަ މަހު ހުރީ 11.26 ޕަސެންޓްގަ އެވެ. އިންފްލޭޝަން އެންމެ މައްޗަށް ދިޔަ މިއަހަރުގެ އެޕްރީލް މަހު އިންފްލޭޝަން ރޭޓް 15.05 ޕަސެންޓަށް އުފުލުނެވެ.
ސީޕީއައިން ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަޅާ ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އިންފްލޭޝަންވަނީ 10.11 ޕަސެންޓް އުފުލިފަ އެވެ.
އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން އުފުލުނު ނަމަވެސް އޮގަސްޓްމަހާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހު އިންފްލޭޝަން ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފަ އެވެ. ދަށަށް ގޮސްފައިވަނީ 0.06 ޕަސެންޓެވެ.
އޮގަސްޓް މަހު މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 15.04 ޕަސެންޓްގަ އެވެ. އެއީ ޖުލައި މަހު 14.94 ޕަސެންޓްގައި ހުރުމަށް ފަހު އެވެ.
ވޭތުވެ ދިޔަ 12 މަސްދުވަސް ނޫނީ އަހަރު ދުވަހުގެ ތެރޭ އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ދިޔައީ މަހުގެ ބާވަތްތަކާއި ދުންފަތާއި ހޮޓާ ރެސްޓޯރަންޓް އަދި މީގެ އިތުރުން އަންނައުނުގެ ބައިން އަގުތަށް އުފުލުމުންނެވެ.
އެގޮތުން މަހުގެ ބައިން 65 ޕަސެންޓް އިންފްލޭޝަން އުފުލުނު އިރު ދުންފަތުގެ ބައިން 73 ޕަސެންޓް އިންފްލޭޝަން އުފުލުނެވެ. އަދި ހޮޓާ ރެސްޓޯރަންޓްތަކުގެ ހިދުމަތުގެ އަގުތައް 31 ޕަސެންޓަށް އުފުލުނެވެ. ދުންފަތުގެ ބައިން 72.6 ޕަސެންޓް އުފުލުނު އިރު ލާއަންނައުނުގެ ބައިން 25 ޕަސެންޓަށް އަގުތަށް އުފުލުނެވެ.
މަހުގެ ބާވަތްތަކުގެ ތެރެއިން ކަޅުބިލަމަހުގެ އަގު ވަނީ 83.48 ޕަސެންޓް މައްޗަށް ގޮސްފާވާއިރު ލައްޓިއެއްގެ އަގު ވަނީ 80.01 ޕަސެންޓް އުފުލިފަ އެވެ. އަދި ވަޅޯމަހުގެ އަގު 126.76 ޕަސެންޓަށް އުފުލުނެވެ. އަދި ފެލިވަރު ތެޔޮ މަސްދަޅުގެ އަގު 18.43 ކަށް އުފުލުނު އިރު ފެންމަސް ދަޅެއްގެ އަގު 17.31 ޕަސެންޓް އުފުލުނެވެ. މީގެ އިތުރުން ފަރުމަހާއި މަހުގެ ބާވަތްތަކުން ރިހާކުރު ފަދަ އެކި ބާވްތަކުގެ އަގުވެސް މި މުއްދަތުގައި ވަނީ އުފުލިފަ އެވެ.
ދުންފަތުގެ ބައިން 73 ޕަސެންޓަށް އިންފްލޭޝަން މައްޗަށް ޖެހުނުއިރު އެ ބައިން ސިގިރޭޓްގެ އަގު ވަނީ 72 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ފޯއް ކިލޯއެއްގެ އަގު ވެސް 67 ޕަސެންޓް މައްޗަށްޖެހުނެވެ.
ހޮޓާ ކެފޭ އަދި ރެސްޓޯރަންޓްތަކުން ހެނދުނު ސައިގެ އަގު 23.96 ޕަސެންޓް މަތިވެފަ އެވެ. އަދި ޕިއްޒާގެ އަގު 88.16 ޕަސެންޓް ވަނީ ބޮޑުވެފަ އެވެ. އަދި ރެސްޓޯރަންޓްތަކުން ދޭ އާންމު ކެއުމެއްގެ އަގު ވަނީ 65.73 އަކަށް މަތިވެފަ އެވެ.