މީގެ ތިން ދުވަސް ކުރިން 10 މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ތުލުސްދޫ ދޯންޏެއްގެ އެއްވެސް ޚަބަރެއް ނުވެގެން ކޯސްޓްގާޑުން އެ ދޯނި ހޯދަން ފަށައިފި އެވެ.


އެމްއެންޑީއެފުން މިއަދު ބުނީ، މިދިޔަ ހުކުރު ދުވަހު އިރުއޮއްސުނު އިރު ކަންނެލީގެ މަސްވެރިކަމަށް ނުކުތް ކ. ތުލުސްދޫ ނޫވިލާގެ ޢަލީ އަޙުމަދުގެ ''އަލިރާސްތާ'' ދޯނީގެ އެއްވެސް ޚަބަރެއް ނުވެގެން އެ މައްސަލަ ކޯސްޓްގާޑަށް ހުށަހަޅާފައިވާ ކަމަށާއި އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ބ. ތުޅާދޫ ބޭރުން ކަމަށެވެ. ނަމަވެސް އެ މައްސަލަ އެމްއެންޑީއެފަށް ހުށަހެޅިއިރެއް އަދި ތުޅާދޫ ބޭރުން ގުޅުނު އިރެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.


އެމްއެންޑީއެފުން ބުނީ އެ ދޯނި މަސްވެރިކަމަށް ދިޔައީ އަރިއަތޮޅަށާއި ރ. އަތޮޅަށް ކަމަށެވެ.


އެ ދޯންޏަކީ ދިގުމިނުގައި 75 ފޫޓް ހުރި ހުދުކުލައިގެ ދަވާދު ލާފައިވާ ދޯންޏެއް ކަމަށާއި އެ ދޯނީގައި ހުދުކުލައިގެ ގެގަނޑަކާ ނޫކުލައިގެ ފަށެއް ދޯނީގެ އަރިމަތީގައި ދަމާފައިވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.