ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ޖަމާކުރަން ދިން ލައްކަ އަށް ވުރެ ރުފިޔާ އަށް އެ ކުންފުނީގެ މުވައްޒަފަކު ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ގްލޯބަލް ލިންކްސްގެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅިގެން ރޭ 9:30 އެހާކަންހާއިރު ހައްޔަރުކޮށްފައި ވަނީ އެކުންފުނީގެ އޮފީސް ބޯއީ ސ. މީދޫ ސީސަންވާދީ މުހައްމަދު މުއާޒު، 36 ކަމަށެވެ.

ޝަތީހު ވިދާޅުވީ ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރުމަށް މުއާޒާއި ހަވާލުކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފައިސާ ޖަމާކުރަން ދިޔުމަށް ފަހު އޭނާގެ ޚަބަރެއް ނުވުމުން އެކުންފުނިން ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް ސުވަލުކުރުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ. އަދި ފުލުހުންގެ އޮޕަރޭޝަންގައި ހެންވޭރުކޮޅު ގެއެއްގެ މީހުން ދިރިނޫޅޭ ބައެއްގެ ސިޑިގޮޅީގައި ގޯންޏަކަށް އަޅާފައި ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށާއި ފައިސާ ފެނުނު އިރު އޭގެ ތެރެއިން 4500ރ. މަދުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްފައިވާ ކަމަށް މުއާޒު ވަނީ އިއުތިރާފްވެފައި. ފައިސާ ރިކަވާ ކުރެވިފައި ވަނީ ހެންވޭރުކޮޅު ގެއެއްގެ ތިރީބައިގަ މީހުން ދިރިނޫޅޭ ބައެއްގެ ސިޑި ގޮޅިއަށް ގޯންޏަކަށް އަޅާފައި އެ ސިޑިގޮޅިއަށް ފައިސާ ލާފައި ހުއްޓާ. ފައިސާ ފެނުނު އިރު އޭގެ ތެރެއިން 4500ރ. މަދުކަމަށް ފާހަގަ ކުރެވޭ. ހަމައެއާ އެކު ފާހަގަކޮށްލަން ބޭނުން މި މައްސަލަ ކާމިޔާބު ކުރުމަށް އެކުފުނީގެ އެހީތެރިކަން ލިބުނުކަން،" ޝަތީހު ވިދާޅުވި އެވެ.