18 Oct 2012, 20:22
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރޭގައި ހިމެނޭ ނާއިފާ ކްރިމިނަލް ކޯޓުގެ އަމުރަށް މިއަދު ދޫކޮށްލައިފި އެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ނާއިފާ ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި މާލެ އިން ބޭރަށް ފުރައިގެން ނުދިޔުމަށް ޝަރުތުކޮށްފަ އެވެ.
ނާއިފާ ދޫކޮލިކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
ނާއިފާ ދޫކޮށްލި ނަމަވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތް) އާއި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަސަން ހުމާމުގެ ބަންދަށް 15 ދުވަސް މިއަދު ހަވީރު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ސަން އޮންލައިނަށް ވަނީ ކަށަވަރުވެފަ އެވެ.
ސުމިތާއި ހުމާމާއި ނާއިފާ ފިޔަވައި އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ ކޮންބައެއް ކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އެ މީހުން ކޯޓަށް ހާޒިރުކުރި ގަޑިއާ ދިމާކޮށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ޖަސްޓިސް ބިލްޑިންގ ސަރަހައްދަށް އެއްވެފައި ވެ އެވެ. އެއްވެފައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަހައްދުން ފޮނުވާލަން އުޅުމުގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ތަހުގީގު ކުރިއަށް ދާތީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމާ ގުޅިގެން އެންމެ ފަހުން ބޭއްވި ނިވްސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހެޅި މީހަކަށް 500،000ރ. ދޭނެ ކަމަށެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ވެސް ކޮމިޝަނާ ވަނީ ވިދާޅުވެފަ އެވެ.