18 Oct 2012, 16:10
ދައުލަތަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމެއް ނެތި ދައުލަތުގެ މާލިއްޔާއިން އޮޅުވާލައިގެން މިހާތަނަށް 55 މިލިއަން ރުފިޔާ އެކި ފަރާތްތަކުން ނަގާފައިވާ ކަމަށް މާލިއްޔަތު ކޮމެޓީން މިއަދު ހާމަކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މިއަހަރުގެ ތެރޭގައި މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާ ހިޔާނާތުގެ ތިން މައްސަލައެއް ކޮމެޓީއަށް ތިލަވެފައިވާ ކަމަށާއި އެ މަސައްލަތަކަކީ ބޮޑެތި އަދަދުތަކުން ދައުލަތުގެ މާލިއްޔާއިން ފައިސާ ނަގާފައިވާ މައްސަލަތަކެއް ކަމަށެވެ. އޭގެން ކޮންމެ މައްސަލައެއްގައިވެސް ތަފާތު ގޮތަކަށް ހިޔާނާތްވެފައިވާ ކަން ފާހަގަ ކުރައްވާ ނާޒިމް ވަނީ އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތަފްސީލްތަށް ހާމަކުރައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ފުރަތަމަ މައްސަލައަކީ ހެލްތް މިނިސްޓްރީއަށް މެޑިކަލް އިކުޕްމަންޓް ފޯރުކޮށްދިނުމުގައި އެފްޓެކް ސޮލިއުޝަންއިން ތަކެތި ޑެލިވަރީނުކޮށް 11.8 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލަ ކަމަށެވެ. އަދި ދެ ވަނަ މައްސަލައަކީ ވަގު އިންވޮއިސްތަކެއް ހުށަހަޅައިގެން އޭބީސީ ކުންފުނިން 24 މިލިއަން ރުފިޔާގެ ފައިސާ ޑިޒާސްޓާ މެނޭޖްމަންޓްގެ ބަޖެޓުން ނެގި މައްސަލަ ކަމަށެވެ. އަދި ތިންވަނަ މައްސަލައަކީވެސް ޑިޒާސްޓާ މެނޭޖްމަންޓްގެ ބަޖެޓުން ދޭން ނުޖެހޭނެ ކަމަށް ހުކުމްކޮށްފައި ވަނިކޮށް 18 މިލިއަން ރުފިޔާ ކުއްފުންޏަކަށް ދޫކޮށްފައިވާ މައްސަލައެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"މިހިރީ އެއްވެސް ހިދުމަތެއް ނުދީ މިހާ ބޮޑަތި އަދަދުތަކުން ފައިސާ ނަގާފައި، މި ދައްކަނީ މާލިއްޔާއިން ބަޔަކު 55 މިލިއަން ރުފިޔާގެ ނެގި ވާހަކަ، 24 މިލިއަން ރުފިޔާގެ މައްސަލައިގައިވެސް ހަތަރު ޗެކަކުން ފައިސާ ދޫކޮށްފައި އޮތް އިރު އެއް ޗެކަކުން އެބައޮތް 13 މިލިއަން ރުފިޔާވެސް ދޫކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުން ވަރަށް ގިނަ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށާއި ނަމަވެސް އޭގެ ތެރޭއިން އެ ތިން މައްސަލަ ފިޔަވައި އެހެން މައްސަލަތަކަކީ އިދާރީ އެކި މައްސަލަތައް ކަމަށާއި އެކަންތައްތައް ބަލައި ހައްލުކުރަމުން އަންނަ ކަމަށެވެ.
ފަންސާސް ފަސްމިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައި ހުރިއިރު އެ ހިޔާނާތްތައް ންގާފައި ހުރީ ސިވިލްސާވިސް މުވައްޒަފުން ބޭނުންކޮށްގެން ސިޔާސީ އެކި ބޭފުޅުން ކަން ފާހަގަވެފައިވާ ކަމަށާއި އެކަންތައްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ދާދިފަހުން ފެންމަތިވި ޑިޒާސްޓާގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގައިވެސް ފައިސާ ދޫކުރުމުގައި ބައެއް ސިވިލްސާވެންޓްގެ ބައިވެރިވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިކަން [ހިޔާނާތްވަނީ] އެކިގޮތް ގޮތަށް، އެއްބައި ފަހަރު ކުށެއް ނެތް ސިވިލް ސާވެންޓުން ބޭނުންކޮށްގެން މިކަން އެބަކުރުވާ ސިޔާސީ މީހުން، އަނެއް ބައި ފަހަރު އެލްސީ ހުޅުވައިގެން މިކަން އެބަކުރޭ. ޑިޒާސްޓާގެ މައްސަލަވަނީ އާ ގޮތަކަށް ކޮށްފައި. ދެން އަނެއްކާ ސިސްޓަމްގެ ތެރެއިން ފައިސާ ދޫކުރުމުގައި އެބަހުރި އެކި ފަރާތްތައް ޝާމިލްވެފައި. ވެރިން ފެށިގެން ގޮސް ސިވިލްސާވެންޓުން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިސްޓަމްގެ ތެރޭގައިވެސް މައްސަލަތަށް ހުރި ކަމަށާއި އެކަންކަން ވަރުގަދަ ކުރުމަށް ތަންފީޒީ މުއައްސަސާތަކާއި އެކު އަންނަ ހަފްތާގައި މާލިއްޔަތު ކޮމެޓީން އިށީންދެ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ކުރާ ސިވިލްސާވެންޓުންނާއި ސިޔާސީ މީހުން މަގާމުން ދުރުކުރުމުގައި ހުރި ހުރަސްތައް އެކީއެކަށް ނައްތާލާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ގާނޫނު ބައްޓަންވެފައި އޮތްގޮތުން އެފަދަ ކަންކަމަށް ހުރަސް އެޅެންޏާ އެ ހުރަހެއްވެސް ނައްތާލައިގެން މިކަން ކުރާނަން. އަޅުގަނޑުމެން މިގޮތަށް އެއްވެސް ހިދުމަތެއް ދިނުމެއް ނެތި މާލިއްޔާއިން ފައިސާ ނަގާކަށް ފުރުސަތެއް ނުދޭނަން. މިފަދަ ހަތަރު ވަނަ ކަމެއް ތަކުރާރުވާން އަޅުގަނޑުމެން ބޭނުމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
އެގޮތުން ސިވިލް ސާވިސް ކޮމިޝަނާއި އޭސީސީ އާއި ފިނޭންސް މިނިސްޓްރީ އަދި އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ހާޒިރުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތަށް ދިރާސާކޮށް އެކަންތައްތައް މަޖިލީހުގެ ތަޅުމަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ދައުލަތުގެ މާލިއްޔާ ބެލެހެއްޓުން ހަރުދަނާ ކުރުމަށް އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތައް ބަލައި އެކަންތައްތައް އިސްލާހުކުރުމަށް އަންގަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ 2005 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި ނަމަވެސް މާލިއްޔަތު ކޮމެޓީގެ އިރުޝާދުގެ ދަށުން އެ ބޭންކުން މިއަދު ކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އެހެން އޮފީސް އޮފީހަށްވެސް އިރުޝާދުތައް ދެމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިހާރު އެއީ އޭރުގެ ބީއެމްއެލްއެއް ނޫން. އަޅުގަނޑުމެން އެކި ފަހަރުމަތިން ލިޔެގެން ކަންތައްތައް ރަނގަޅުކޮށް މިހާރު އެހެރީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި. އަޅުގަނޑުމެން މިގެންދަނީ އެފަދަ އޮޑިޓްތައް ބަލައި ދިރާސާ ކުރަމުން. އަޅުގަނޑުމެން މި ގެންދަނީ މާލިއްޔާ ހަރުދަނާ ކުރުމަށް ކަންތައްތައް އިސްލާހުކުރުމަށް ބުނެގެން އެކަންތައްތައް ރަނގަޅުކުރަމުން. އަޅުގަނޑުމެންގެ ކޮމިޓްމަންޓް ދޭނަން." ނާޒިމް ވިދާޅުވި އެވެ.