މަސްވެރިންނަށް ދޫކުރަން ބަޖެޓްގައި ކަނޑައަޅާފައިވާ ސަބްސިޓީގެ 100 މިލިއަން ރުފިޔާގެ ތެރެއިން 99 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރާނެ އުސޫލުތަކެއް ކަނޑައަޅާ ސަބްސިޑީ ފައިސާ ދޫކުރުމުގެ ހުއްދަ މާލިއްޔަތު ކޮމެޓީން ފިޝަރީޒް މިނިސްޓްރީ އަށް ދީފި އެވެ.

ސަބްސިޑީ ދޭނެ އުސޫލެއް ކަނޑައަޅަންދެން މި އަހަރުގެ މިހާތަނަށް މަސްވެރިންނަށް ނުދީ ހިފަހައްޓާފައިވާ އެ ފައިސާ ދޭނެ އުސޫލެއް ކަނޑައެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ބަޖެޓްގައި ގަނޑައެޅިފައިވާ 10 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ އިދާރީ ހަރަދަށް ކަނޑައި 99 މިލިއަން ރުފިޔާ މަސްވެރިކަން ކުރާ ދޯނިތަކަށް ދޭން މިހާރު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ދިރާސާތަކަށް ފަހު ގިނަ މައުލޫމާތުތަށް ހޯދައިގެން މިފަހަރު ސަބްސިޑީ ދޭނެ އުސޫލުތަކެއް ކަނޑައަޅައި ސަބްސިޑީ ދިނުމުގެ ހުއްދަދޭން މި ނިންމީ. މިފަހަރު މިދިޔަ ފަހަރާއި އުސޫލުތަށް ތަފާތުވާނެ،" ނާޒިމް ވިދާޅުވި އެވެ.

ސަބްސިޑީ ދޭން މާލިއްޔަތު ކޮމެޓީން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދޫކުރާނީ ދޯނީގައި ހުންނަ އިންޖީނެއްގެ ހޯސްޕަވަރަށް ބަލައިގެން އެ ދޯންޏަކުން ކުރާ ދަތުރުގެ ތެލުގެ ހަރަދަށް ފައިސާ ދޫކުރާ ގޮތަށެވެ. ސަބްސިޑީ ފައިސާ ދޫ ކުރާނީ ސީދާ އޮޑިވެރިޔާގެ އެކައުންޓަށެވެ.

އެގޮތުން ސަބްސިޑީ ދޫކުރަނީ 72 ހޯސްޕަވަރުން ދަށުގެ އިންޖީނުތަކަށް ވަކިއަދަދެއް އަދި 72 ހޯސްޕަވަރުން ފެށިގެން 300 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދެއް އަދި 150 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދަކަށް ފައިސާ ދޫކުރާ ގޮތަށް ވަނީ އުސޫލުއެކަށައަޅާފަ އެވެ.

"މިހޮތަށް ކަނޑައެޅީ ވީހާ ވެސް ގިނަ ބަޔަކަށް މި ފައިސާ ބެހޭނެ ގޮތްތަކެއް ކަޑައެޅުމުގެ ބޭނުމުގައި. އެހެންވީމައި ބޮޑަތި ދޯނި ތަކުގައި ގިނަ މީހުން މަސައްކަތް ކުރާނެ. އެގޮތަށް ބަލައިގެން މިގޮތަށް ކަނޑައެޅީ. ގިނަ މަސްވެރިންނަށް ސަބްސިޑީ ދޭން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ޖަމާކޮށްދޭ ގޮތުގެ ތަފްސީލްތައް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ގޮތުގެ އިންތިޒާމް ހަމަޖައްސަން ލާޒިމްކޮށްފައިވާނެ ކަމަށެވެ. އޭގެ ބޭނުމަކީ އޮޑިވެރިންނާއި މަސްވެރިންނަށް ވެސް ސަބްސިޑީ ފައިސާ ލިބޭކަން ޔަގީން ކުރުން ކަމަށެވެ.

"ފަޅުވެރިންގެ މެދުގައި ފައިސާ ބެހޭ އުސޫލެއް ވެސް އެބައޮވޭ، އެހެންވީމާ އޮޑިވެރިޔާ އަށް ލިބޭ އެއްޗެއް އެނގުނީމާ ފައިސާ ބެހޭ ގޮތްވެސް މީހުންނަށް އެނގޭނެ. އެ ފަސޭހަ ވެސް ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މަސްވެރިންގެ ސަބްސިޑީ ފައިސާ ދިނުމުގެ މައްސަލައިގައި ދިގު ދެމިގެން ދިޔައީ އެކަމަށް ހަރުދަނާ އުސޫލުތަކެއް ކަޑައަޅަން ޖެހުމުންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ މި އަހަރުގެ ބާކީ އޮތް ތަނުގައި 99 މިލިއަން ރުފިޔާ އެކީ ހުސްވުމުގެ ފުރުސަތު ވެސް އޮތް ކަމަށާއި ހުސްނުވެއްޖެ ނަމަ އަންނަ އަހަރުގެ ބަޖެޓަށް އެބައި ޓްރާންސްފާ ކުރުމުގެ ވިސްނުން ހުރި ކަމަށެވެ.

"މީގައި ހުސްވުމުގެ ފުރުސަތު އޮތް ކަމަށް މި ބަލަނީ ކުރިން އަޅުގަނޑުމެން ލަފާކުރީ ކޮންމެ ދަތުރެއްގެ ހަރަދުގެ ފަސް ޕަސެންޓޭ ލިބޭނޭ ސަބްސިޑީ އަށް. ނަމަވެސް މިހާރު މިބަލަނީ 20 ޕަސެންޓަށް ވުރެވެސް ބޮޑުބައެއް ދެވޭނެ ކަމަށް މަސްވެރިންނަށް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ދިނުމަށް އުސޫލުތަކެއް ކަނޑައަޅައި ފިޝަރީޒް މިނިސްޓްރީ އަށް އެ ހުއްދަ ދިނީ އެ ފައިސާ ދުކުރެވޭނެ ކަމަށް ފިނޭންސުން ޔަގީންކަން ދެއްވުމުން ކަމަށާއި އެ ފައިސާ ފިޝަރީޒް މިނިސްޓްރީއަށް ދަތިކަމެއް ނެތި ލިބޭނެ ކަމަސް މިނިސްޓްރީން ވެސް ދީފައިވާ ކަމަށެވެ.
މަސްވެރިކަން ކުރާ އުޅަދުގެ ގޮތުގައި ސަބްސިޑީ ހޯދުމަށް މިއަހަރުގެ މިހާތަނަށް 1305 އުޅަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.