18 Oct 2012, 14:17
ފުވައްމުލަކު މާދަނޑު އަވަށުގައި ރޭ އިރާކޮޅު ހިންގި މާރާމާރީގައި ވަޅިހަރައި މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރާއި 21 އަހަރާއި 23 އަހަރުގެ ތިން މީހުން ކަމަށާއި އަދި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށެވެ.
ނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެ ވެ.
ރޭ ހިންގި އެމާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ ފުވައްމުލަކު ދަނޑިމަގު އަވަށު، ވައިގެ، އަހުމަދު މުސްލިމް، 21އ. އެވެ. އަދި އޭނާ އަށް އިތުރު ފަރުވާދިނުމަށް މިހާރު ވަނީ މާލެ ވެސް ގެނެސްފަ އެވެ.
ފުލުހުން ބުނީ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވުމުން އޭނާގެ ކަރުތެރެއިން ހަށިގަނޑުގެ އެތެރެއަށްލޭ އެޅެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސްކަމަށެވެ. އަދި އޭނާ ބައްލަވާ ޑޮކްޓަރުންނާ ހަވަލާދެއްވައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.