18 Oct 2012, 14:03
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި އިހްމާލުވެފައިވާ ކަމަށް ތުހުމަތު ކުރާ ފައިނޭޝަލް ކޮންޓްރޯލާ އަހުމަދު މުހައްމަދާއި އެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ ސިވިލްސާވަންޓުނާ މެދު ފިޔަވަޅު ނާޅާތީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ކޮމެޓީ އަށް ހާޒިރު ކުރާނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީއާ ގުޅިގެން މުދާ ސަޕްލައިކުރަން ހަވާލުކުރި އެލޮކޭޓް ބިޒްނަސް ކޮމްޕެނީ (އޭބީސީ)އިން އޮޅުވާލައިގެން ވަގު ޕާޗޭސް އޯޑަރުތަކެއް ހަދައިގެން 24 މިލިއަން ރުފިޔާ ނެގި އިރު، ޑިޒާސްޓާއާ ހަވާލުވެ ހުންނެވި އަބްދުﷲ ޝާހިދު ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް ހުށަހެޅި އެވެ. ޝާހިދު ހާޒިރު ކުރުމަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ ހުށަހެޅުއްވީ އެފަދަ ބޮޑު ހިޔާނާތަކުން ދައުލަތުގެ ފައިސާ ދޫވެގެން ދިއުމުގައި ފައިނޭޝަން ކޮންޓްރޯލަރުގެ ޒިންމާއެއް އޮންނާނެތީ ފައިނޭޝަން ކޮންޓްރޯލަރު އަހުމަދު މުހައްމަދު ވެސް ކޮމެޓީ އަށް ހާޒިރު ކުރަންޖެހޭ ކަމަށެވެ.
ހަމްޒާ ވިދާޅުވީ ހިޔާނާތްތަކުގައި ޝާމިލްވާ ސިވިސްސާވިސް މުވައްޒަފުން ވަޒީފާގައި ދެމިތިބޭތީ ހައިރައިވެވަޑައިގަންނަވާ ކަމަށާއި އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ. އަދި އެފަދަ ހިޔާނާތްތަކުގައި ޝާހިލުވާ މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރެވެނީ ގާނޫނުގެ ސަބަބުން ކަމުގައި ވަނީ ނަމަ އެކަން މަޖިލީހަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނެސްގެން ވެސް އެފަދަ މުވައްޒަފުން ވަޒީފާ އިން ދުރު ކުރަން ޖެހޭނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
އެ މައްސަލާގައި ހަމްޒާ ހުށަހެޅުއްވީ ހިޔާނާތުގައި ޝާމިލުވާ ސިވިލްސާވަންޓުންނާ މެދު ސީއެސްސީން ފިޔަވަޅު ނާޅާތީ އެ ކޮމިޝަން މަޖިލީހަށް ހާޒިރު ކުރުމަށެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ ހިޔާނާތް ތަހުގީގު ކުރަމުންދާ ފުލުހުން ވެސް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް ހަމްޒާ ހުށަހެޅުއްވި އެވެ.
އެބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ހުށަހެޅުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އެކަމަށް ދެކޮޅު ހެއްދެވި އެވެ. ޔާމީން ވިދާޅުވީ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައަކީ ޖިނާއީ މައްސަލައަކަށް ވުމުން ފުލުހުން އެކަން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި މާލިއްޔަތު ކޮމެޓީން އެކަމުގެ ތެރެއަށް ވަނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ކޮމެޓީގެ މުގައްރިރު ނާޒިމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތައް އިތުރުވުމުން ދައުލަތުގެ މާލީ ނިޒާމާ މެދު ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެކަމަކީ މާލިއްޔަތު ކޮމެޓީން "އިންތިހާއަށް" ކަންބޮޑުވާ ކަމެއް ކަމަށާއި ހިޔާނާތްތައް އިތުރުވިޔަ ނުދިނުމަށްޓަކައި މާލިއްޔަތު ކޮމެޓީން އެކަން ހިނގާފައިވާގޮތް ބަލަންޖެހޭ ކަމަށް މުގައްރިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ ހަފްތާގައި އައިޕީޔޫގެ ބައްދަލުވުމަކަށް ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަންނަވަން ޖެހޭތީ ކޮމެޓީގެ މަސައްކަތްތައް ނައިބު މުގައްރިރު މުހައްމަދު ނާޝީޒްއާ ހަވާލު ކުރައްވާ ކަމަށެވެ. ނާޝިޒްއާ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަންނަ ހަފްތާގައި ސީއެސްސީއާއި ފައިނޭޝަން ކޮންޓްރޯލަރު އަހުމަދު މުހައްމަދުގެ އިތުރުން 24 މިލިއަން ރުފިޔާގެ ހިޔާނާތް ތަހުގީގު ކުރަމުންދާ ފުލުހުން ވެސް ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް ކޮމެޓީގެ މުގައްރިރު އެދިވަޑައިގެންނެވި އެވެ.