ސަރަހައްދުގެ އަށް ޤައުމުގެ މެދުގައި ބާއްވާ ނުވަ ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވާދަކުރާ ފަސް ބޮޑީ ބިލްޑަރުނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޓީމުގެ ކޯޗް އަބްދުލް ހަސީބު ބުނެފި އެވެ.

އަންނަ ނޮވެމްބަރު 2- 4 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ މުބާރާތައް ރާއްޖޭގެ ފަސް ބިލްޑަރުން ފުރުމުގެ ކުރިން ސަންއޮންލައިނަށް ދިން އިންޓަވިއުއެއްގައި ގައުމީ ކޯޗް ހަސީބު ބުނީ، ކެޓަގަރީގެ ފަސްޓު ޕްލޭސްގެ ގޯލްމެޑަލް އެއް ރާއްޖެ އަށް ހޯދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށާއި އެގޮތުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފަސް ބިލްޑަރުންނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ބިލްޑަރުން ފަސް ކެޓަގަރީއެއްގައި ވާދަކުރާ އިރު އެ ބިލްޑަރުންނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ރަނގަޅު ބިލްޑަރުން ކަމަށް ހަސީބް ބުންޏެވެ.

"ލިބުނު ވަގުތާ ބަލާ އިރު ވަރަށް ފުރިހަމަ އަށް ތައްޔާރު ވަމުން މިދަނީ. ފަސް ބިލްޑަރުންނާ މެދު ވަރަށް ހިތްހަމަޖެހޭ. ކެޓަގަރީގެ ފަސްޓު ޕްލޭސްގެ ގޯލްމެޑަލްއެއް ހޯދުމަށް ވަރަށް މަސައްކަތް ކުރާނަން،" ކޯޗް ހަސީބް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ޓީމްގައި ހިމެނޭ ފަސް ބިލްޑަރުންނަކީ ޖެހިޖެހިގެން ދެ ފަހަރު ރާއްޖޭގެ މިސްޓާ މޯލްޑިވްސްގެ މަގާމް ދިފާއުކުރި މުހައްމަދު އާދިލާއި 2007 ވަނަ އަހަރު ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ރަޗޭ) އާއި 2006 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް އާއި 2008 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މަހުމޫދު ޒިޔާދު އަދި ގިޔާސް އިބްރާހީމް އެވެ.

މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ބޮޑީ ބިލްޑަރުން ނޮވެމްބަރު އެއް ވަނަ ދުވަހު ދިއްލީ އަށް ފުރުމަށް ހަމަޖައްސާފައިވާ އިރު، މެނޭޖަރެއްގެ ގޮތުން ޓީމާ އެކު ދިއްލީއަށް ދާނީ ބީބީއެފްއެމްގެ އެކްސްކޯ މެމްބަރު އިސްމާއިލް ނަސީރެވެ.