ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ރޭ ޕޮލެންޑާ ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމެއްޖެ އެވެ.

ޕޮލެންޑްގެ ވޯސޯގައި 43000 މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ އިނގިރޭސިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ވޭން ރޫނީ އެވެ.

ދެޓިމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޕޮލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ގްލިކް އެވެ.

މިމެޗް އެއްވަރުވި ނަމަވެސް ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއެކު އިނގިރޭސިންނަށް ގްރޫޕްގެ އެއްވަނަ ލިބިފައިވާ އިރު، ޕޮލެންޑަށް ތިން މެޗު ކުޅެގެން ލިބިފައި ވަނީ ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނަ މަގާމެވެ.