ސައިކަލެއްގެ މަޑިދަށުގައި އޮތް ވޮލެޓެއް ވަގަށް ނެގި ދެ މީހަކު ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވޮލެޓެއް ވަގަށް ނެގުމުގެ ކުށުގައި ދޮޅު އަހަރަށް އަރުވާލަން ހުކުމް ކޮށްފައި ވަނީ މއ. ފޯޗިއުން އިބްރާހިމް ފައިސަލް އަލީ ރަޝީދާއި ސ. މަރަދޫފޭދޫ ޕާމްސީނަރީ އަހުމަދު އައުސަމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މ. ފަޅުމަތީގޭ މުހައްމަދު ރަޝީދުގެ ސައިކަލްގެ މަޑިދަށުގައި އޭނާ ބާއްވާފައި އޮތް ވޮލެޓް ގެއްލިފައި ވަނިކޮށް މިދިޔަ އަހަރުގެ އޯގަސްޓް ހަތަރު ވަނަ ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު އެ ދެ މީހުން އޭނާ އަށް އެ ވޮލެޓް ދައްކާފައިވާ ކަމަށް އެ ދެ މީހުން ޝާރީއަތުގައި ބުނެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ވޮލެޓް ވަގަށް ނެގީ އައްމަޑޭ ކިޔާ މީހެއް ކަމަށް އެ ދެ މީހުން ބުނި ނަމަވެސް އެކަން އެ ދެ މީހުންނަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުން އެ ދެ މީހުން ކުށްވެރިވާ ކަމަށެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލާއި މެދު ދައުވާ ކުރުމުގެ ހައްގު ވޮލެޓްގެ ވެރިފަރާތް ކަމުގައިވާ މުހައްމަދު ރަޝީދަށް ލިބިގެންވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.