ދެ ހާސް ނުވަ ވަނަ އަހަރުގެ ރޯދަ މަހު ދުވާލު މަސްތުވާތަކެތި ގެންގުޅުނު މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މއ. ސާނީވިލާ ހަސަން ފަޔާޒްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ އޯގަސްޓް 22، 2009 ދުވަހު މަސްމާރުކެޓް ކުރިމަތީގައި އާފަލެއް ކާން އޭނާ ހުއްޓާ ފެނިގެން އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު ފެނުނު ޕެކެޓެއްގައި ހުރީ 0.520 ކްރާމް ހެރޮއިން އާއި 0.127 ގްރާމް ޒެނެކްސް ކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

"ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ހަސަން ފަޔާޒު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން [މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ] ހަތަރު ވަނަ މާއްދާގެ (ބ) ގެ ދަށުން ފަސް އަހަރަށް ޖަލަށް ލުމަށް އަދި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވި ދިޔަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ރ) ގެ ދަށުން މާލެ މއ. ސަނީވިލާ ހަސަން ފަޔާޒު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.