ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމުން ޝަހިންދާ އިސްމާއީލް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން މިއަދު ހުޅުވާލާއިފި އެވެ.

ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށް ކަމަށެވެ.

ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގެ އިއުލާންގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރުމާއި އިސްލާމް ދީންގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމަށް ވެގެން ނުވާނެ އެވެ. އަދި އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރުމުގެ އިތުރަށް، އިންތިހާބު ކުރާ އަދި އައްޔަން ކުރާ ސިޔާސީ މަގާމެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ އެވެ. ހަމަ އެހެންމެ އެއްވެސް ފުލުހެއްގެ އަންބެއް، ފިރިއެއް، ދަރިއެއް މައެއް ބަފައަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޝަހިންދާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެނެބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ދަނީ ކޮމިޝަންގެ މަގުސަދުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށް ވިދާޅުވެ އެވެ. އަދި ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކާ މެދު އޭނާ ހިތްހަމަޖެހިވަޑައިނުގަތުމަކީ ވެސް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ޝަހިންދާ ވަނީ ވިދާޅުވެފަ އެވެ.