18 Oct 2012, 12:26
ދެވަނަ ފުރުސަތުގެ އޮފީހުން ވައްކަންކުރި ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލާފައި ހުރި މީހަކު ހަތް އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދެވަނަ ފުރުސަތުގެ އޮފީހުން ވައްކަން ކުރުމުގެ ކުށުގައި ހަތް އަހަރާއި ފަސް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ އޭޕްރީލް ނުވަ ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި އޭނާ ދެވަނަ ފުރުސަތުގެ އޮފީހަށް ވަދެ ދެ ކެމެރާ ވަގަށް ނަގާފައިވާކަމަށް ޝަރީއަތަށް ލިބިފައިވާ ހެއްކާއި ގަރީނާ ތަކުން ސާބިތުވާކަމަށެވެ.
މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ތިން ވަނަ ފަހަރު ކަމަށާއި އަދި އޭނާ ވަގަށް ނަގާފައިވާ ދެ ކެމެރާގެ އަގު 29000 އަށްވުރެ މަތިވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.