ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ރައްޔިތުން މަޖިލީހަށް މިހާރު ވައްދާފައިވާ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާއަރުއްވައިފި އެވެ.
އެމްޑީޕީގެ 26 މެންބަރަކު ސޮއިކުރައްވައި ރައީސް ވަހީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ގާނޫނީ ލަފާދެއްވާ ފާތުމަތު ފިލްޒާ ސަން އޮންލައިނަށް މިއަދު ވިދާޅުވީ 26 މެންބަރަކު ސޮއިކުރައްވައި ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައަކީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ޝަރުތުތަށް ހަމަވާ މައްސަލައެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް މިހާރު ލަފާދީފައިވާނެ ކަމަށެވެ.

"އެ މައްސަލަ މިހާރު އެޖެންޑާ ކުރެވޭނެ، އެގޮތަށް އަޅުގަނޑުގެ ލަފާ މިހާރު މަޖިލީހަށް ދީފައިވާނީ. ގާނޫނު އަސާސީގެ ބުނާ ޝަރުތުތައް އެ ގަރާރުގައި ހަމަވޭ،" ފިލްޒާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނަނީ "ވަކި ހާލަތްތަކެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުން މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ" ކަމަށެވެ.

އެ ހާލަތްތަކަކީ؛ އިސްލާމްދީނުގެ އަސްލަކާއި ނުވަތަ ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ގަނޑައެޅިގެން ހިލާފުވުން، ރައީސްގެ މަގާމުގައި ނުވަތަ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން، ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުމެވެ.

އަދި އެ މާއްދާގެ (ށ)ގައި ބުނަނީ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ވެއްދޭނީ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމެއް މަޖިލީހަށް ހުށަހެޅުމުން ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހެޅި ރައީސްގެ އިތުބާރުގެ މައްސަލައިގައި ބުނެފައި ވަނީ ސީދާ ރައީސް ވަހީދުގެ އޯޑަރަށް ދިވެހި ފުލުހުން މަޖިލީހުގެ މެމްބަރުނާއި ރައްޔިތުންނާ މެދު ލާއިންސާނީ އަމަލެއް ހިންގާފައިވާ ކަމަށާއި އެކަމުގެ އެއްވެސް ތަހުގީގެއް މިހާތަނަށް ހިންގާފައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސްއަޅާ ކަމަށް ގަރާރުގައިވެ އެވެ. އަދި އެ ގަރާރުގައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ މައްސަލަތަކާއި ދާދިފަހުން ކުރިމަތިވި ވަޅި ޖެހުމުގެ ހާދިސާތަކުގެ ޒިންމާ ވެސް ރައީސް ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެބައިގެ ވޯޓް ލިބިގެންނެވެ.

އެމްޑީޕީން ވަނީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ވޯޓު މިހާރު ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހަށް އެޖެންޑާކޮށްފަ އެވެ.