18 Oct 2012, 12:03
ފުޓްބޯޅަ ކުޅުމުގައި ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައިވާ ކުޅުންތެރިންނަށް ކޮންމެ އަހަރަކު ވެސް ދޭ ގޯލްޑަން ފުޓް އެވޯޑް ސްވިޑަންގެ ގައުމީ ޓީމުގެ ކެޕްޓަން ޒްލަތާން އިބްރަހިމޮވިޗަށް ލިބިއްޖެ އެވެ.
މިއެވޯޑަކީ އުމުރުން 29 އަހަރުވެފައިވާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ދޭ އެވޯޑަކަށްވީ އިރު، އިބްރަހިމޮވިޗަށް އެވޯޑް ލިބުނީ އޮންލައިންކޮށް ނެގި ވޯޓަކުން އެންމެ ކުރީގައި އޭނާ އޮތުމުންނެވެ.
މޮނާކޯގައި ރޭ އޮތް ގޯލްޑަން ފުޓް އެވޯޑް ނައިޓްގައި އިބްރަހިމޮވިޗަށް އެވޯޑް ހަވާލުކޮށްދިނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކުރީގެ ތަރި ފޯވަޑް ޕެލޭ އެވެ.
އެވޯޑަށް ފަހު ފްރާންސްގެ ޕީއެސްޖީ އަށް މިހާރު ކުޅެމުން އަންނަ އިބްރަހިމޮވިޗަށް ބުނީ، އެވޯޑާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި އެވޯޑުގެ ސަބަބުން އޭނަގެ ފުޓްބޯޅައިގެ ކެރިއަރުގައި ދެމިހުރުމަށް އާބިންގަލެއް އެޅެއްޖެ ކަމަށެވެ. އަދި މިފަހަރު މިލިބުނު އެވޯޑުގެ އުފަލުގައި އޭނާގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ސާމިލް ކުރަން ބޭނުން ވާކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި އިބްރަހިމޮވިޗް ބުނެފައިވެ އެވެ.
އިބްރަހިމޮވިޗްގެ ކުރިން މިއެވޯޑް ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި ރޮބާޓޯ ކާލޮސް އާއި ރަޔަން ގިގްސް އާއި ފްރަންޗެސްކޯ ޓޮޓީ އަދި ރޮނާލްޑީނިއޯ ހިމެނެ އެވެ.
އިބްރަހިމޮވިޗްކީ ދުނީޔޭގެ މަސްހޫރު ބައެއް ފުޓްބޯލް ކުލަބްތަކުން އެތަކެއް ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއަކަށްވި އިރު، އޭނަ ވަނީ މީގެ ކުރީން އަޔަކްސް އާއި ޔުވެންޓަސް އާއި ބާސެލޯނާ އާއި އިންޓަ މިލާން އަދި އޭސީ މިލާނުގައި ވެސް މޮޅުކުޅުމެއް ދައްކާފަ އެވެ.