18 Oct 2012, 11:39
ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އިން އަލަށް ގެންނަން ނިންމާފައިވާ އެއާބަސް އޭ 320 މަރުކާގެ މަތިންދާ ބޯޓް އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ބަންދު) ވިދާޅުވީ މޯލްޑިވިއަނުން އާ މަންޒިލްތަކަށް ދަތުރުތަށް ފެށުމުގެ ގޮތުން ގެނައުމަށް ނިންމާފައިވާ އެ ބޯޓު އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށާއި އަދި ދަތުރުތަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތަށްވެސް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
"އަލަށް ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ 320 ގެނައުމަށް ފުރިހަމަކުރަންޖެހޭ 600 ޓާސްކްގެ [މަރުހަލާގެ] ތެރެއިން ނުނިމި ވަނީ 50 ޓާސްކް،" ބަންދޭ ވިދާޅުވި އެވެ.
އައިލެންޑ އޭވިއޭޝަނުން މި އަންނަ ހޯމަ ދުވަހު ގެންނަ އެއާ ބަސް އޭ 320 ގެ ފުލައިޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ. އަދި އެ ބޯޓް ރާއްޖެ ގެނައުމާއެކު މިއަންނަ މަހުގެ ތެރޭގައި މޯލްޑިއަނުން އާ މަންޒިލް ތަކަށް ދަތުރުތަށް ފަށަން ވަނީ ނިންމާފަ އެވެ. އެ މަންޒިލް ތަކަކީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަގްލަދޭސްގެ ޑާކާ އެވެ. އާ މަންޒިލްތަކަށް ދަތުރުތަށް މިއަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާއިރު މިހާރު ވަނީ ޓިކެޓްވެސް ވިއްކަން ފަށައިފަ އެވެ.