18 Oct 2012, 11:13
ފުވައްމުލަކު މާދަނޑު އަވަށުގައި ރޭ ހިންގި މާރާމާރީގައި ވަޅިހަރައި ޒަޚަމް ކޮށްލި ދެ މީހުންގެ ތެރެއިން އެކަކު އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ރޭ 7:30 އެހާކަން ހާއިރު ފުވައްމުލަކުގައި ދެ މީހެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވީ ދަނޑިމަގު އަވަށު، ވައިގެ އަހުމަދު މުސްލިމް 21އ. އެވެ.
އައިޖީއެމްޗްގެ އޮފިޝަލަކު ވިދާޅުވީ ރޭ ފަތިހު 5:38 އެހާކަން ހާއިރު މުސްލިމް ގެނެސްފައި ވާކަމަށާއި، އޭނާ އަށް މިހާރު ގެންދަނީ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށާއި، ޑޮކްޓަރުގެ ރިޕޯޓަށް ފަހު އިތުރު މައުލޫމާތު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ރޭ ފުވައްމުލަކުގައި ހިންގި މާރާ މާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ދެމީހުންގެ ތެރެއިން އިމަޖެންސީގައި މުސްލިމް މާލެ ފޮނުވާލީ ރޭ 2:30 ހާއިރު ފުލުހުން ނާއި، ސިފައިންގެ އެހީތެރި ކަމާއި އެކު ވައިގެ މަގުން ކަމަށާއި، މުސްލިމް މާލެ ފޮނުވަން ޖެހުނީ އޭނާގެ ކަރަށް ތޫނު އެއްޗަކުން ދީފައިވާ ހަމަލާގެ ނުރައްކާތެރި ކަމުން އެތެރެއަށް ލޭ ފައިބަމުން ދިއުމާއި، އަދި އިތުރަށް ހަދަން ޖެހޭ ޓެސްޓް ތަށްވެސް އެ ހޮސްޕިޓަލުން ހެދެން ނެތުމުން ކަމަށެވެ.
"މުސްލިމް ކަރަށް ލިބިފައި ހުރި ޒަޚަމްގެ ބޮޑުކަމުން އެތެރެއަށް ބްލީޑް ވަނީ. މިކޮޅުން ބައެއް ޓެސްޓްވެސް ހެދޭކަށްނެތް. ދެން މިކޮޅަކަށް ރޭގަނޑު ފްލައިޓެއް ނުޖެއްސޭ. އެހެންވީމަ ޕޮލިސް ހެލިކޮޕްޓަރުގައި އައްޑޫ އަށް ފޮނުވީ. ދެން އެތަނުން ފްލައިޓުގައި މާލެ ގެންދާނި؛" އޮފިޝަލް ވިދާޅުވި އެވެ.