18 Oct 2012, 10:51
އާންމު ހިއްސާދާރުންގެ ތެރެއިން، އެމްޓީޑީސީގެ ބޯޑަށް އައްޔަން ކުރުމަށް އެ ކުންފުނިން ޝޯޓްލިސްޓް ކުރި 15 ފަރާތުގެ ތެރެއިން ތިން ފަރާތެއްގެ ޝަރުތު ހަމަނުވާތީ އެ ނަންތައް ބާތިލްކުރުމަށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީނަށް އެޑްރެސް ކުރައްވައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފޮނުވި ސިޓީގައި ބުނެފައިވަނީ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ 15 މީހުންގެ ތެރެއިން ތިން މީހުންނަކީ އެ ކުންފުނިން ކުރި އިއުލާންގައި ބުނާ ޝަރުތުތަށް ހަމަވާ ބައެއް ނޫންކަމަށެވެ.
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޓުގެ ތިބެނީ ނުވަ މެންބަރުންނެވެ. އޭގެ ތެރެއިން ފަސް މެންބަރުންނަކީ އާންމު ހިއްސާދާރުންނެވެ. އަދި އަނެއް ހަތަރު ގޮޑި ފުރުއްވަނީ ސަރުކާރު ތަމްސީލްކުރައްވާ ފަރާތްތަކެވެ.
އެ ކުންފުނީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންގައި ޑިރެކްޓަރުންގެ ޝަރުތުގެ ތެރޭގައި މަދުވެގެން އެމްޓީޑީސީގެ 50 ހިއްސާ އޮންނަން ޖެހޭނެ ކަމަށް ބަޔާކޮށްފައިވީ ނަމަވެސް އެ ތިން ފަރާތުގެ އެ ޝަރުތު ހަމަނުވާ ކަމަށްވެސް ސިޓީގައިވެ އެވެ. އަދި އެ ތިން ފަރާތުންވެސް އެޕްލިކޭޝަން ފޯމްގައި ޝަރުތު ހަމަވާކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސީއެމްޑީއޭއިން ވަނީ ކުންފުންޏަށް އަންގާފަ އެވެ.
" މާލީ ސެކިއުރިޓީ ގާނޫނުގެ ދަށުން ލިސްޓްކޮށްފައިވާ ކުންފުންޏެއްގެ ހިއްސާދާރުންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ކަމަކަށް ވާތީ އެ ތިން މީހުންގެ އެޕްލިކޭޝަން ބާތިލްކުރުމަށް ފަހު އެކަން އާންމުކޮށް އިއުލާން ކުރުމަށް އަންގަމެވެ،" ސިޓީގައިވެ އެވެ.
އެމްޓީޑީސީގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ. ހިއްސާދާރުންގެ ތެރެއިން ހޮވާ ފަސް މެންބަރުން ބޯޑަށް އައްޔަން ކުރުން އޮންނާނީ އެ ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުންނެވެ.