18 Oct 2012, 10:45
ގައުމުތަކުގައި ރާވައިގެން ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި ކުށްވެރިންގެ މައްޗަށް އުފުލާ ދައުވާތަކަށް ގައުމުތަކުގެ އެހީ ލިބޭ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ކޮންވެންޝަން އެގެއިންސްޓް ޓްރާސް ނޭޝަނަލް އޯގަނައިޒްޑް ކްރައިމް" (ޕެލޭރްމޯ ކޮންވެންޝަން)ގައި ރާއްޖެ ބައިވެރިވުމަށާއި އެ މުއާހަދާއަށް މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން އިއްޔެ ނިންމައިފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ އިއްޔެ ބައްދަލުވުމަށް ހާޒިރުވި އަށް މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މުއާހަދާގައި ރާއްޖެ ބައިވެރިވާނީ ރިޒަވޭޝަނަކާ އެކުގައި ކަމަށެވެ. ރިޒަވޭޝަންގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަންތައްތަކެއް އެ މުއާހަދާގައި ކަނޑައެޅިފައި ނުވާނަމަ އެ މުއާހަދާގައި ރާއްޖެ ބައިވެރިވުމަށެވެ.
މުއާހަދާގައި ބަޔާން ކުރާ ޓްރާސްނެޝަނަލް ކްރައިމްއަކީ ޓެރަރިޒަމާއި ގާނޫނާ ހިލާފު ހިޖުރަކުރުމާއި މަކަރާއި ހީލަތާއި ރަހީނު ކުރުމާއި މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކާއި މަނީލޯންޑްރިންގާއި ކޮރަޕްޝަން އަދި ހިއުމަން ޓްރެފިކިންނެވެ.
މުއާހަދާގައި ވާގޮތުން އިންސާފަށް ހުރަސްއެޅުން ނުވަތަ އޮބްސްޓްރަކްޝަން އޮފް ޖަސްޓިސްއަކީ ވެސް ޖިނާއީ ކުށެކެވެ. ކުށްތައް ރާވައި ހިންގާ ގުރޫޕެއްގައި ބައިވެރިވުމާއި އެފަދަ ގްރޫޕަކުން ހޯދާ މާލީ ފައިދާއެއްގައި ބައިވެރިވުމަކީ ވެސް ޖިނާއީ ކުށެކެވެ.
ޕެލޭރްމޯ ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމުން މުއާހަދާގެ ދަށުން ކުރުން ލާޒިމް ކަންތައްތައް ކުރުމަށްޓަކައި ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ. އަދި ތަހުގީގީ މަރުހަލާގައްޔާއި ދައުވާގެ މަރުހަލާގައި ގައުމުތަކުގެ އެއްބާރުލުން ބޭނުންވެއްޖެ ހިނދެއްގައި އެގައުމަކަށް ރާއްޖެ އިން އެއްބާރުލުންދޭން ޖެހޭނެ ކަމަށް ވެސް މުއާހަދާގައިބުނެ އެވެ.
ސެޕްޓެންބަރު 29، 2003ގައި އަމަލު ކުރަންފަށާފައިވާ މުހާދާގައި މިހާތަނަށް 163 ގައުމަކުން ބައިވެރިވެފައިވެ އެވެ.
ޕެލޭރްމޯ ކޮންވެންޝަނަށް މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމުމުން އެ ކޮންވެންޝްގައި ރާއްޖެ ބައިވެރިވުމަށް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގެ އަގުލަބިއްޔަތުން އެ މައްސަލަ ފާސްވުމުންނެވެ.