18 Oct 2012, 10:39
މޮސްކޯ (އޮކްޓޯބަރ 18): ރަޝިޔާއިން އެޤައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ސަރްގީ އޮޑެލްސްޓްސޯވް އެޤައުމުން ބޭރަށް ފުރުން މަނާކޮށްފި އެވެ.
އޮޑެލްސްޓްސޯވް އަށް ޤައުމުން ބޭރަށް ފުރުން މަނާކުރީ ރަޝިޔާގައި ހަމަނުޖެހުން އުފެއްދުމަށާއި ދައުލަތުގެ މުދަލަށާއި ޢާންމު ތަކެއްޗަށް ގެއްލުން ދިނުމަށް އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ހިއްވަރުދެއްވައި އެކަމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤްތަކާ ގުޅިގެންނެވެ. މިތުހުމަތުތައް ކޯޓަށް ސާބިތުވެއްޖެ ނަމަ ހަތަރު އަހަރާއި ދިހަ އަހަރުގެ މުއްދަތަކަށް ޖަލަށް ލުމުގެ ޙުކުމެއް އޮޑެލްސްޓްސޯވްގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރެ އެވެ.
ރަޝިޔާގައި ހަމަނުޖެހުން އުފެއްދުމަށާއި ދައުލަތުގެ މުދަލަށާއި ޢާންމު ތަކެއްޗަށް ގެއްލުން ދިނުމަށް އޮޑެލްސްޓްސޯވް ހިއްވަރު ދެއްވާކަމަށް ރަޝިޔާ ސަރުކާރުންކުރާ ތުހުމަތުތަކާ ގުޅޭ ޑޮކިއުމެންޓްރީ އެއް އޭނާ އަށް ތާއީދުކުރާ އަމިއްލަ ޓީވީ ސްޓޭޝަނަކުން ވަނީ ދުރަށް ދައްކާފަ އެވެ. ރަޝިޔާގެ ފުލުހުން ވަނީ މި ޑޮކިއުމެންޓްރީ ހޯދާފަ އެވެ. މީގައި ރަޝިޔާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެ ޤައުމުގެ ރައްތަކުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ޢާންމުތަކެއްޗަށް ގެއްލުންދިނުމަށް ހިއްވަރުދެއްވައި އޮޑެލްސްޓްސޯވް އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވައި ވާހަކަ ދައްކަވާފައިވާ ކަމަށް ރަޝިޔާގެ ފުލުހުން ބުނެ އެވެ. އަދި ރަޝިޔާއާ އިދިކޮޅު ސަރުކާރެއް އޮންނަ ޤައުމެއް ކަމަށްވާ ޖޯޖިޔާގެ ބައެއް ފަރާތްތަކުން ފައިސާގެ އެހީ ހޯދުމާބެހޭ ގޮތުން އޮޑެލްސްޓްސޯވް އެފަރާތްތަކާ މަޝްވަރާކުރައްވާފައިވާ ކަންވެސް މި ޑޮކިއުމެންޓްރީން ހާމަވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
މިމައްސަލައިގެ ތަހްގީގް އޮޑެލްސްޓްސޯވް އާއި އޭނާ އަށް ތާއީދުކުރާ އެކްޓިވިސްޓުން ހައްޔަރު ކުރުމަށް ފަހު ރަޝިޔާގެ ފުލުހުންގެ އިދާރާ އިން ވަނީ އެބޭފުޅުން މިނިވަންކޮށްފަ އެވެ. އޮޑެލްސްޓްސޯވް ވަނީ ރަޝިޔާ ސަރުކާރުގެ މިތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި މިއީ ސިޔާސީ މަޤްސަދެއްގައި ކުރެވިފައިވާ ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޮޑެލްސްޓްސޯވް ވަނީ ރަޝިޔާ ސަރުކާރުގެ މިޢަމަލާ މެދު ހިމޭނުން ނުތިބުމަށާއި މިކަމާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އަޑުއުފުލުމަށް އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. އަދި ރަޝިޔާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ހުޅަނގުގެ ޤައުމުތަކަށް ވެސް އޮޑެލްސްޓްސޯވް ވަނީ ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)