ނިއުޔޯކް (އޮކްޓޯބަރ 18): ނިޔުޔޯކްގައި ހުންނަ އެމެރިކާގެ ފެޑްރަލް ރިޒާވް ބޭންކް (އެމެރިކާގެ މަރުކަޒީ ބޭންކް) ގޮއްވާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، އެމެރިކާ އިން ބަންގްލަދޭޝްގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ އެމެރިކާގެ އެފްބީއައިގެ އެޖެންޓުން މިޒުވާނާ ހައްޔަރުކުރީ 450 ކިލޯގްރާމް ހުންނަ ވަރުގެ ބޮމެއް ބޭނުންކޮށްގެން ނިޔުޔޯކްގައި ހުންނަ އެމެރިކާގެ ފެޑްރަލް ރިޒާވް ބޭންކް ގޮއްވާލުމަށް ރޭވި ކަމުގެ ތުހުމަތުގަ އެވެ. މީގެއިތުރުން މިޒުވާނާއަކީ އަލްޤާޢިދާއަށް ނިސްބަތްވާ މީހެއްކަމަށާއި އަލްޤާޢިދާ އަށް ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދިނުމަށް ވެސް ބަންގްލަދޭޝްގެ މިޒުވާނާ ރާވާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް މިޒުވާނާ ގޮއްވާލަން އުޅުނުކަމަށް ބުނާ ބޮމަކީ ހަގީގީ ބޮމެއް ނޫން ކަމަށާއި އެއީ ފޭކު ބޮމެއް ކަމަށާއި އެބޮން އޭނާ އާ ޙަވާލުކުރީ ވެސް އެފްބީއައިގެ އެޖެންޓެއްކަން އެމެރިކާގެ ޕަބްލިކް ޕްރޮސެކިއުޝަންގެ ދާއިރާތަކުން ހާމަކޮށްފައިވެ އެވެ. އެފްބީއައިގެ އެޖެންޓުން މިޒުވާނާ ލައްވައި މިކަންކޮށްފައި ވަނީ އޭނާ އަކީ އަލްޤާޢިދާއާ ގުޅުންހުރި ޒުވާނެއްކަމަށް ޝައްކުކުރެވިފައިވާތީ އާއި އެމެރިކާގެ ފެޑްރަލް ރިޒާވް ބޭންކް ގޮއްވާލުމަށް އޭނާ ރާވަމުންދާކަން ޖާސޫސީ މަޢްލޫމާތުތަކުން އެނގިގެން އެތައް މަހެއްވަންދެން އޭނާގެ ޙަރަކާތްތައް ބަލައި އޭނާއަށް ފާރަލަމުން ދިޔުމަށް ފަހުގައި ކަމަށް ވެސް އެމެރިކާގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވެ އެވެ. އަދި މިޒުވާނާ ރެޑް ހޭންޑްކޮށް ހައްޔަރުކުރުމުގެ ފުރްސަތު އެފްބީއައި އިން ހޯދީ އެފްބީއައިގެ އެޖެންޓަކުން ދިން ފޭކުބޮން ގޮއްވާލަން އެޒުވާނާ މަސައްކަތްކުރަނިކޮށް ކަމަށް ވެސް ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފައިވެ އެވެ.

އަލްޤާޢިދާ އަށް ނިސްބަތްވާ ކަމަށް އެމެރިކާ ތުހުމަތުކުރާ ފަރާތްތައް މަޅީގައި ޖެއްސުމަށްޓަކައި އެމެރިކާގެ އެފްބީއައިގެ އެޖެންޓުން މިފަދަ މީހުންނާ ގުޅިގެން މިބާވަތުގެ ޢަމަލުތައް ހިންގުމަކީ އަލްޤާޢިދާއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާ ބޭނުންކުރާ އުކުޅެކެވެ. ނަމަވެސް މިކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. ދާދިފަހުން ވެސް އެފްބީއައިގެ އެޖެންޓުން ވަނީ މިފަދަ މައްސަލަ އެއްގައި އެމެރިކާގެ މުސްލިމް ޒުވާނަކު މަޅީގައި ޖެއްސުމަށްފަހު އޭނާ ހައްޔަރުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)