18 Oct 2012, 10:33
އެތްލެޓިކޯ މެޑްރިޑްގެ ތަރި ރަޑަމެލް ފަލްކާއޯ އެކުލަބު ދޫކޮށްދާ ނަމަ ހިފެހެއްޓޭނެ ބާރެއް އެތްލެޓިކޯއަށް ނެތްކަމުގައި އެކުލަބުގެ ރައީސް އެންރީކޭ ސެރެޒޯ ބުނެފި އެވެ.
އެތްލެޓިކޯ މެޑްރިޑަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ފައިސާގެ ދަތިކަމެވެ. އެހެންކަމުން ފައިސާގެ ދަތިކަން ފޫބެއްދުމަށް ޓަކައި އެކުލަބުގެ އެންމެ އުންމީދީ ފޯވާޑް ފަލްކާއޯ ދޫކޮށްލަން ޖެހިދާނެކަމުގެ އިޝާރާތެއް އެކުލަބުން ވަނީ ކޮށްފަ އެވެ.
"ފަލްކާއޯގެ ރިލީޒް ފީއާއި ހަމައަށް އެހެން ކްލަބަކުން ހުށަހެޅުމަށް ހުށަހަޅައިފި ނަމަ، އަދި އޭނާ އެހުށަހެޅުން ގަބޫލުކޮށްފި ނަމަ އެކުޅުންތެރިއަކު ދޫކޮށްލާނަން. އެތްލެޓިކޯ އަށް ވަނީ މައްސަލައަކާއި ކުރިމަތިލާން ޖެހިފައި. ނަމަވެސް ކޮންޓްރެކްޓަކީ ކޮބައިކަން ފަލްކާއޯއަށް ވަރަށް ރަނގަޅަށް އެނގޭނެ." ސެރެޒޯ ބުންޏެވެ.
އެތްލެޓިކޯ ދޫކޮށް ފަލްކާއޯ ނުދާނެކަމަށް ސެރެޒޯ ގަބޫލުކުރެ އެވެ. ޔޫރޮޕާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓީކޯ އިން ޖެނުއަރީ ޓްރާންސްފާގައި އެއްވެސް ކުޅުންތެރިއެއް ނުހޯދާނެކަމަށް ވެސް ސެރެޒޯ ބުނެފައިވެ އެވެ.
"އެތްލެޓިކޯގައި ފަލްކާއޯ ހުރީ އުފަލުގައި. އެހެންކަމުން އޭނާ މިކްލަބު ދޫކޮށް ދާނެކަމަށް ގަބޫލެއްނުކުރަން. އަންނަ ޖެނުއަރީގައި މިކުލަބަށް އެއްވެސް ކުޅުންތެރިއެއް ނުހޯދާނަން. އެތްލެޓީކޯގެ ސްކޮޑް ކިތަންމެ ކުޑަޔަސް އެއީ ފުރިހަމަ ސްކޮޑެއް." ސެރެޒޯ ބުންޏެވެ.
ޕޯޓޯގައި ވިދާލުމަށް ފަހު މިދިޔަ ސީޒަނުގައި އެތްލެޓިކޯއިން ފެނުނު ފަލްކާއޯ ދަނީ އެކުލަބަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ސްޕެނިޝް ލަލީގާގައި ލަނޑު ލިސްޓްގައި އެއްވަނާގައި އޮތްތިން ކުޅުންތެރިންގެ ތެރޭގައި ފަލްކާއޯ ހިމެނެއެވެ. ފަލްކާއޯއާއި އެއްވަރަށް ގޯލް ޖަހާފައިވާ ދެކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީ އެވެ.