18 Oct 2012, 10:31
ޓޮޓެންހަމް ހޮޓްސްޕާގެ ވޭލްސް މިޑްފީލްޑަރު ގެރެތް ބޭލް ރެއާލް މެޑްރިޑާއި ގުޅުމަށް ޓޮޓެންހަމްގެ ކުރީގެ ތަރި ލޫކާ މޮޑްރިޗް ގޮވާލައިފި އެވެ.
މިހާރު މެޑްރިޑަށް ކުޅެމުންދާ މޮޑްރިޗް ބުނިގޮތުގައި ބޭލްއަކީ މެޑްރިޑަށް ކުޅުމުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށެވެ.
އުމުރުން 23 އަހަރުގެ ބޭލް ޓޮޓެންހަމް އިން ފުރަތަމަ ވިދާލީ ޑިފެންޑަރެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ސީޒަން ނިމެނިކޮށް އޭނާ ފާހަގަވެފައި ވަނީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. މިހާރު ޓޮޓެންހަމްގެ ވިންގަކަށް ކުޅޭ އެކުލަބުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހިމެނޭ ބޭލް ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތްކުރެ އެވެ.
"ބޭލް މެޑްރިޑަށް ކުޅެން ޖެހޭ. އޭނާ މިކުލަބަށް ގުޅޭނެކަމަށް އަހަރެން އުންމީދުކުރަން. ބޭލްއަކީ މޮޅު ކުޅުންތެރިއެއް. މެޑްރިޑަށް ކުޅެވޭނެ ފެންވަރު އޭނާގެ ކިބާގައި އެބަހުރި. މިހާރު އޭނާގެ ފަރާތުން އާދަޔާ ޚިލާފް މޮޅު ކުޅުމެއް ފެންނަމުންދޭ." މޮޑްރިޗް ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްގެ ވާދަވެރިންކަމަށްވާ ބާސެލޯނާއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއްވެ އެވެ. ނަމަވެސް މެޑްރިޑުން ބޭލް ފެނިއްޖެ ނަމަ، އެކުލަބަށް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.