13 Sep 2010, 07:06
ޤާނޫނަކީ ސަރުކާރުގެ އިޚްތިޔާރުގައި ޢަމަލުކޮށްފައި ސަރުކާރުގެ އިޚްތިޔާރުގައި ޢަމަލުނުކޮށް ދޫކޮށްލެވޭނެ އެއްޗެއް ނޫން ކަމަށާއި އެމްބީސީގެ ޤާނޫނު ނިމިގެންދިޔައީ ސިޔާސީ ވިސްނުންތަކެއްގެ ތެރެއިން ކަމަށް ވިޔަސް ބިލު ތަޞްދީޤުކުރެވި، ޤާނޫނަކަށްވުމުން، ސަރުކާރުން އެއަށް ޢަމަލު ނުކުރުމަކީ އެއްވެސް އުޒުރެއް ދެއްކޭނެ ކަމެއްނޫން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ވެސް މެންބަރު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ އެމްބީސީގެ ޤާނޫނަކީ، އެންމެންގެ އިތުބާރު އޮތް ބްރޯޑްކާސްޓަރެއް އުފެއްދުމުގެ ޖާގައޮތް ޤާނޫނެއް ކަމަށެވެ. ނަމަވެސް އެހެން ބައެއް ބިލުތައް ފަދައިން އެ ބިލުވެސް، ސިޔާސީ ވާދަވެރިކަމުގެ ޝިކާރައަކަށްވެގެން ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި، އެމްބީސީގެ ބޯޑަށް މީހުން ނެގުމުގައި ބައެއް ފަރާތްތަކުން ގެންގުޅުނު ވިސްނުމުގެ ސަބަބުން، އެ ޤާނޫނު އިތުރަށް ސިޔާސީވެގެން ގޮސް ސަރުކާރުން އެ ޤާނޫނު ބަލައިގަތް ނަމަވެސް އެއަށް ޢަމަލުކުރަން ބޭނުން ނުވީ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޤާނޫނު އަސާސީ އާއި ކުންފުންޏާ ބެހޭ ޤާނޫނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވެފައި ވަނީ ކުންފުނި އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މިންވަރަށް، އެ ބާރު މަޖިލީހަށް ލިބިދޭކަމާ މެދު ޝައްކަކަށް، ޖާގައެއް ނެތްކަމަށެވެ. އަދި އެމްބީސީ އުފެދުމުން، އެ ޤާނޫނުގެ ހައިސިއްޔަތާ މެދު ސުވާލު ކުރެވުނު ފަދައިން އެތަނުގެ ހައިސިއްޔަތާ މެދު ސުވާލު ކުރެވުނު ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެ ސުވާލު އުފެއްދެވި ބޭފުޅުންގެ “ފަރާތްޕުޅުން” ބޯޑަށް ކުރިމަތި ލެއްވި ބޭފުޅުން، ބޯޑުން ޖާގަ ލިބޭތޯ ފަހު ވަގުތާ ޖެހެންދެން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމީ، އެމްބީސީގެ ހައިސިއްޔަތާ މެދު އެ ބޭފުޅުންގެ ހިތްޕުޅުގައި ޝައްކެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި، އެތާނގެ ހައިސިއްޔަތާ މެދު އުފައްދާ ސުވާލުތަކަކީ، ޤާނޫނީ ސަބަބުތަކަކަށްވުރެ ބޮޑަށް ސިޔާސީ ސަބަބުތަކެއްގެ މައްޗަށް އުފައްދަވާ ސުވާލުތަކެއްކަން އެކަމުން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ނަޝީދު އަދި ވިދާޅުވެފައި ވަނީ، އެމްބީސީ އަކީ މަޖިލީހުގެ ކުންފުންޏެއް ނޫންކަމަށާއި އެތަނަކީ، މަޖިލީހުން ފާސްކޮށް، ރައީސް ތަޞްދީޤުކުރެއްވި ޤާނޫނަކުން އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގެ ޚިދުމަތް ޤާނޫނަކުން އުފައްދަންޖެހޭ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ ނުފޫޒާއި ސިޔާސީ ޕާޓީތަކުގެ ނުފޫޒުން އެއްކިބާވެ ތިބެ، އެހެން ބައެއްގެ ބާރުފޯރުވުމެއް ނެތި، ބިރުދެއްކުމެއް ނެތި، މިނިވަންކަމާ އެކު، މަސައްކަތްކުރެވޭނެ ކަށަވަރުކަން ދައުލަތުގެ ފަރާތުން މުއައްސަސާއަކަށް ހޯދައިދެވޭނީ ޤާނޫނަކުން ކަމުގައިވުން ހިމެނޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ރައްޔިތުންގެ އަތުން ފީ ނުނަގައި، އެތަން ހިންގުމަށް ދައުލަތުގެ މާލިއްޔާ އިން ކުރަން ޖެހޭ ޚަރަދުތަކެއް ކުރެވޭނީ ވެސް ޤާނޫނަކުން ހުއްދަ ލިބިގެން ކަމަށް ވުމާއި ބައެއްގެ ޙައްޤުތަކާއި ވާޖިބުތަކާ ގުޅިފައިވާ ޚިދުމަތަކަށް އެ ޚިދުމަތްވާތީ، ކަށަވަރުގޮތެއްގައި އެކަން އެކަށައަޅައިދެވޭނީ، ޤާނޫނަކުން ކަމުގައިވުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީދައުލަތުގެ މުދަލުން މުޢާމަލާތްކުރުމަށް މާލިއްޔަތު ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުގެ ދެ އޮފީހުގެ ގޮތުގައި ހުރި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ މުދާ އެމްއެންބީސީ އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމްބީސީގެ ޤާނޫނުން ކުރާކަމަކީ، ވަކި ތާރީޚެއް ބަޔާންކޮށް، އެ ތާރީޚުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގައި ތިބި މުވައްޒަފުންނާއި އެ ދެ ތަނުގެ މުދާ ޤާނޫނުގެ ދަށުން އުފެއްދި އެމްބީސީ އަށް އެ ޤާނޫނު މެދުވެރިކޮށް، ބަދަލުކުރުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ ސަރުކާރުގެ އޮފީހެއްގެ މުދާ ރައީސްގެ ޤަރާރަކުން އުފެދުނު ކުންފުންޏަށް ބަދަލުވި ގޮތަށް، ދައުލަތުގެ ކުންފުންޏެއްގައި ހުރި މުދާ ޤާނޫނަކުން އުފެއްދި ކުންފުންޏަކަށް ބަދަލުކުރުން ކަމަށާއި، އެ ދެތަން އުފެދުނީއްސުގެ އެތަންތަނުގެ މުދަލަކީ ދައުލަތުގެ މުދާކަމުން އެމްއެންބީސީން، އެމްބީސީއަށް މުދާ ބަދަލުކުރާއިރު، އެ ބަދަލުގެ ސަބަބުން އެމްބީސީން، އެމްއެންބީސީއަށް އަގެއް ނުވަތަ ބަދަލެއް ދައްކަން އޮތް ނަމަ، އެވެސް ދައްކާނީ ދައުލަތުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދައުލަތުގެ ބޭނުމަކަށް، ސަރުކާރުގެ ކުންފުންޏެއް ވެސް، ޢާންމު މީހެއްގެ މުދަލެއްވެސް، ޤާނޫނަކުން ދައުލަތަށް ނެގިދާނެ ކަމަށާއި، އެމްބީސީއަކީ ވެސް “ނެޝަނަލައިޒް” ކުރުމުގެ މަސައްކަތެއް ކަމަށާއި ޤާނޫނެއް މެދުވެރިކޮށް ބަދަލުދިނުން ހިމެނޭ ގޮތަށް އޮތް ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްބީސީގެ މައްސަލައަކީ ޝަރީއަތުގައި އޮތް މައްސަލައެއްކަމުން އެކަމުގައި ހިމެނޭ ގާނޫނީ ނުކުތާތައް ފާހަގަ ކުރެއްވުމަށް މިވަގުތު ބޭނުންނުވާކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނުގެ ބިލު ހުށަހެޅުއްވި ވެސް މެންބަރު، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ޤާނޫނު ތަޢާރުފުކުރުމުގެ، ބޭނުން ފުޅަކަށްވީ، ސަރުކާރާއި ސިޔާސީ ނުފޫޒުން އެކަހެރިވެ ތިބެ، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތުގެމަތިން، ރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއް، ޤާނޫނުގެ ބާރާއެކު އުފައްދައިދިނުން ކަމަށެވެ.
އަދި އެ މަސައްކަތަކީ، ކުރީގެ ސަރުކާރުގެ ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވި އިރު ކުރެއްވި މަސައްކަތެއް ކަމަށާއި، އެ ބިލު އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ކަމަށާއި، އެކަން ނުނިމެނީސް މަޖިލިސް ބަދަލުވުމުން މިހާރުގެ މަޖިލީހަށް އެބިލް އަލުން އުށަހެޅުއްވީ ކަމަށް ވެސް ނަޝީދު އޭނާގެ ބުލޮގްގައި ވިދާޅުވެފައިވެ އެވެ.