10 Mar 2010, 15:05
19:00
ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނާ ހިލާފަށް، ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ފަދަ ގޮތަކަށް ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީގެ އޮފީހުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ އެޓާނީ ޖެނަރަލް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލައެއް ކަމުގައިވާ އައިޖީއެމްއެޗްގެ ހިންގުން ސިއްރު އެއްބަސްވުންތަކަކާ އެކު އިންޑިއާގެ އެޕޯލޯ ގްރޫފާ ހަވާލުކުރުން އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި އަސާސީ ސިއްހީ ހިދުމަތެއް ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލާއިރު، އެފަރާތާ އެކު އެއްބަސްވެ، ނިންމާފައިވާ އުސޫލުތައް ހާމަނުކުރުމީ ރައްޔިތުންނަށް އޮޅުވާލައިގެން ވަކި ބައެއްގެ ފައިދާއަށްޓަކައި ފަސާދައަށް މަގުފަހިވާ ގޮތަށް ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް އަދި ވިދާޅުވީ ޕްރައިވެޓައިޒޭޝަންގެ ސިޔާސަތުގެ ދަށުން އައިޖީއެމްއެޗްގެ ހިންގުން އެޕޯލޯ ގުރޫޕާ ހަވާލުކުރިއިރު، ރާއްޖޭގެ ފަރާތްތަކުން އެކަމަށް ފާޅުކޮށްފައިވާ ޝައުގުވެރިކަމާއި އަދި އައިޖީއެމްއެޗް ހިންގޭނެ ގާބިލިއްޔަތުކަން ހުރި ފަރާތްތަކާ އެކު ސަރުކާރުން އެއްބަސްވެފައިވާ ކަންކަމަށް ބެލުމެއްނެތި އިންޑިއާގެ ކުންފުންޏަކާ އެ ހޮސްޕިޓަލް ހަވާލުކުރުން އެއީ އިންސާފެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި، ސަރުކާރުގެ އެފަދަ ކޮރަޕްޝަންގެ މައްސަލަތައް އެކުލެވޭ ރިޕޯޓެއް ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޕްރައިވެޓައިޒޭޝަންގެ ސިޔާސަތުގެ ދަށުން އައިޖީއެމްއެޗް އެޕޯލޯ ގުރޫޕާ ހަވާލުކުރި އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށް ގައުމީ ޕާޓީން ހެލްތު މިނިސްޓްރީގައި ސިޓީއަކުން އެދުމުން އެ މިނިސްޓްރީ ޖަވާބެއްގެ ގޮތުގައި ބުނެފައި ވަނީ، އައިޖީއެމްއެޗް ޕްރައިވެޓައިޒްކޮށްފައިނުވާ ކަމަށް ކަމަށް ވެސް ގައުމީ ޕާޓީން ބުނެ އެވެ. އަދި އެ ހޮސްޕިޓަލް އަގުކުރުމުގެ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ގައުމީ ޕާޓީން ބުނެ އެވެ.