18 Oct 2012, 10:23
ޗެކްރިޕަބްލިކްގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ ޖަކޫބް ހާލިކް ފާއިތުވި ހަ މަސް ދުވަހު ދިރިއުޅުނީ ހިތެއް ނެތް ހާލުގަ އެވެ.
ނުރައްކާތެރި ކެންސަރުގެ ޓިއުމަރެއް ހުރިކަން އެނގިގެން އޭނާގެ ހިތް ނެގި ފަހުން އިންސާނުން އުފައްދާފައިވާ ދެ ޕަމްޕުގެ އެހީގައި ހަަ މަސް ދުވަހު ދިރިއުޅުމަށް ފަހު ޖަކޫބް މަރުވީ އިންދާނެ އަސްލު ހިތެއްގެ އިންތިޒާރުގައި ހުއްޓަ އެވެ.
ޑޮކްޓަރުން ބުނަނީ ޖަކޫބް މަރުވީ އޭނާގެ ލިވާ މަސައްކަތް ހުއްޓިގެން ކަމަށާއި އޭނާގެ އާޓިފިޝަލް ހިތް ހުއްޓިގެން ނޫން ކަމަށެވެ.
ހިތުގެ ބަދަލުގައި ލައްވާފައިވާ ދެ ޕަމްޕް ހިންގުމަށް ބޭނުންކުރާ ދެ ބެޓެރީއާ އެކު ވެސް ޖޭކޮބް ވަނީ ވަރަށް ހަރަކާތްތެެރިކަމާ އެކު މިދިޔަ ހަ މަސް ދުވަހު ދިރިއުޅެފަ އެވެ. އެގޮތުން ހޮސްޕިޓަލުގައި ހުންނަ ޖިމަށް ވަދެ ކަސްރަތު ވެސް އޭނާ ދިޔައީ ކުރަމުންނެވެ.
ޖަކޫބްގެ ހަށިގަނޑުގައި އެހެން މީހެއްގެ ހިތެއް ނުއިންދުނީ ގުނަވަނެއް އިންދުމަށް ޓަކައި ކާންޖެހޭ ބޭސްތައް އޭނާ އަށް ނުކެވޭނެތީ އެވެ. އެއީ އޭނާ އަށް ކެންސަރު ޖެހިފައިވާތީ އެވެ.
ޖަކޫބްގެ ހަށިގަނޑަށް ލެއްވި ފަދަ އާޓިފިޝަލް ހިތެއް މީގެ ކުރިން ލައްވާފައި ވަނީ އެންމެ މީހެއްގެ ހަށިގަނޑަށެވެ. އެމެރިކާގެ ޓެކްސަސްގައި ދިރިއުޅުނު އެމީހާ އަށް އެހިތުގެ އެހީގައި ދިރިއުޅެވުނީ އެންމެ ހަފުތާއެއް ވަންދެނެވެ.
ޖަކޫބް ހާލިކްގެ އޮޕަރޭޝަން ކުރީ ޕެރަގުއޭގެ އިންސްޓްޓިއުޓް އޮފް ކްލިނިކަލް އެންޑް އެކްޕެރިމެންޓަލް މެޑީސިންގެ ޑައިރެކްޓާ ޖޭން ޕާކް އެވެ. ހިތުގެ ދެފަރާތުގެ މަސައްކަތް ވަކިވަކިން ކުރާނެ ދެ ޕަމްޕް ޖޭންއާއި އޭނާގެ ޓީމުން އުފެއްދީ ޕްލާސްޓިކުންނެވެ.
އޮޕަރޭޝަން ކުރިތާ ހަތަރު މަސް ފަހުން މިދިޔަ އޮގަސްޓް މަހު ޖަކޫބް ހާލިކު ބުނެފައި ވަނީ އޭނާ އަށް ރަނގަ އިހުސާސެއް ކުރެވޭ ކަމަށާއި އެއޮޕަރޭޝަން ކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެއީ [ހިތް ނަގަން ނިންމި ނިންމުމަކީ] އަހަރެންނަށް ވަރަށް އުނދަގޫ ކަމަކަށް ވި. އެހެން ނަމަވެސް އަހަރެންނަށް އެހެން ގޮތެއް ނެތް. ޓިއުމަރާ އެކު އަހަރެއްހާ ދުވަހު ދިރިއުޅެވިދާނެ ކަމަށް އަހަރެންނަށް އޮތީ އަންގާފައި. އެހެން ނަމަވެސް އަހަރެން ގަސްދުކުރީ ކުރިމަތިލައި، މިކަން ކުރަން،" އޮގަސްޓް މަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޖަކޫބު ބުނެފައިވެ އެވެ.
ޖަކޫބްގެ ލިވާ ހުއްޓުނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. ޑޮކްޓަރުން ތިބީ އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓްގެ އިންތިޒާރުގަ އެވެ.