18 Oct 2012, 10:16
ތިމަރަފުށީގައި އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ބިން ހިމާޔަތްކުރުމަށް، ރިވެޓްމެންޓް ނުޖަހައި އެ ބިމުގައި ރަންވޭ ނޭޅުމަށް ސަރުކާރަށް އަންގައި ތިމަރަފުށީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ތިމަރަފުށީ ކައުންސިލްގެ ރައީސް އަހުމަދު ބުންޔާމީނާއި ނާއިބް ރައީސް މުހައްމަދު ޒައީމް އަދި ކައުންސިލް މެންބަރު ޖައުފަރު ރަޝީދު ސޮއިކުރައްވައި އިއްޔެ ނެރުނު ގަރާރުގައި ބުނަނީ އެއާޕޯޓު ހެދުމަށް ހިއްކި ބިން ހިމާޔަތް ކުރުމަށް ރިވެޓްމަން ނުޖަހައި އަދި 2.4 މީޓަރަށް ބިންގަނޑު އުސްނުކޮށް އެ ބިމުގައި ރަންވޭ އަޅާއިފި ނަމަ އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުމާއި ތިމާވެށީގެ ގެއްލުން ލިބިދާނެ ކަމަށް އެ ކައުންސިލަށް ފެންނަ ކަމަށެވެ.
"ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖަހައި 2.4 މީޓަރަށް ބިންގަނޑު އުސްނުކޮށް މެނުވީ ތިމަރަފުށީ ހިއްކި ބިމުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަށް އަންގައި މި ގަރާރު ތިމަރަފުށީ ކައުންސިލް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފީމެވެ." ފަސް މެންބަރުންގެ މައްވަޗަށް އެކުލެވޭ، އެމްޑީޕީ ކައުންސިލްގެ ތިން މެމްބަރަކު ސޮއިކުރައްވައި ނެރުނު ގަރާރުގައިވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ތިމަރަފުށީ އެއާޕޯޓު އެޅުމަށް ހިއްކި ބިމުގައި ރިވެޓްމެންޓް އަޅާފައި ވަނީ ކުރީގެ ސަރުކާރުން ބަޖެޓްކޮށްފައި އޮތް ވަރަށް ކަމަށާއި އެ ބަޖެޓަށް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން ފާހަގަ ކޮށްފައިވާ ފަދަ ސީރިއަސް މައްސަލަތެެއް އޮތް ނަމަ އެކަމަށް އިޖާބަދީ ބެޖެޓްގައި ހިމަނައިގެން އެކަމެއް ހައްލު ކުރުމުގެ މަސައްމަތް ސަރުކާރުން ކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުއްލި ކުއްލިއަށް ގަރާރު ނެރުމުގެ ބަދަލުގައި ސަރުކާރާ މަޝްވަރާކޮށްގެން ތިމަރަފުށީ ކައުންސިލުން ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫނީ ކަންކަން ހައްލު ކުރުމަކީ އެއީ ދަތިކަމެއް ކަމަށެވެ.
"ތިކަމާ ގުޅިގެން އެބޭފުޅުން އަޅުގަނޑުމެންނާ މަޝްވަރާ ކުރައްވަން ޖެހޭނެ. ގަރާރެއް ނެރެގެން ކުއްލިއަކަށް ޑިޒިޝަނެއް ނެގުން އެއީ ދަތިކަމަކަށް ވާނެ. އަޅުގަނޑުމެން ބަޖެޓް ހަދާއިރު ބެޖެޓްގެ ތެރޭގައި ކަންކަން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭނީ. އިޝޫއެއް އޮތް ކަމަށްވާ ނަމަ ރަނގަޅަށް ބަލައި ހަދާފައި އެއީ އެޑްރެސް ކުރެވޭނެ ކަންކަން. އަޅުގަނޑު ދެކޭގޮތުގައި އެފަދަ ސީރިއަސް މައްސަލަތަކެއް އޮތް ނަމަ ސަރުކާރުން އެއަށް އިޖާބަ ދޭނެ. މިދިޔަ ސަރުކާރުން ބަޖެޓް ކޮށްފައި އޮތް ވަރަށް ރިވެޓްމަންޓް ޖަހާފައި އޮންނާނީ. އިތުރަށް ޖަހާކަށް ބެެޖެޓަކުން ނެތް. އަޅުގަނޑުމެން ބަޖެޓެއް ކުޑައެއް ނުކުރަން. އަޅުގަނޑުމެން އޭގެއިން އެންމެ ރުފިޔާއެއް ވެސް އުނިނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.