ބ.ދަރަވަންދޫ ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކެމުން އަންނަތާ ދުވަސް ތަކެއް ވެއްޖެ އެވެ. ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އެރަށަށް އެއާޕޯޓެއްގެ ހިދުމަތް ލިބޭނެކަމަށް ދިޔައީ ވާހަކަތައް ފެތުރެމުންނެވެ. ނަމަވެސް "މާދަން މާދަން" ކިޔަމުން ލަސްވެފައިވާ އެއާޕޯޓް އިއްޔެ ހުޅުވުމާ އެކު ދަރަވަންދޫގެ ރައްޔިތުންނާއި ބ.އަތޮޅުގެ ރައްޔިތުން ތިބީ ވަރަށް ވެސް ހިންހަމަ ޖެހިގެންނެވެ. މުޅި ދަރަވަންދޫ އާއި ބ. އަތޮޅުވެސް މިއަދު މިވަނީ މިފަހުރުވެރި ހުވަފެން ހަގީގަތަކަށް ވުމުން ހަމަޖެހުމުގެ ނޭވާއެއް ލައިފަ އެވެ.

"އަސްލު ހަގަގީގަތުގައި މިއީ ދަރަވަންދޫއަށާއި މިއަތޮޅަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް އެތަށް ވަޒީފާގެ ފުރުސަތުތަކެއް މިރަށުގެ ރައްޔިތުނަށް ލިބިގެންދާނެ، އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން ވަރަށް ހިންހަމަޖެހިގެން،" ދަރަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އެއާޕޯޓަކީ މުޅި އަތޮޅުގެ ފަހުރެއްކަމަށް ރަޝީދުވިދާޅުވި އެވެ. އެއެއާޕޯޓްގެ ސަބަބުން ކޮންމެ މޫސުމެއްގައި ދަތުރުކޮށްލެވުމުގެ ފަސޭހަ އާއި އަތޮޅަށް އަންނަ ޓޫރިސްޓުނަށްވެސް ފަސޭހަތަކެއް ވާނެ އެވެ.
ދަރަވަންދޫގެ އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައި ދެއްވާފައިވައީރު އެ އެއާޕޯޓަކީ ކޯސްޓްލައިން އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ އަދި އައިލެންޑް އޭވިއޭޝަންއިން ހިންގުމާ ހަވާލުވެފައިވާ އެއާޕޯޓެކެވެ.

މީގެ ހާލު ކިތަންމެ ދެރަވިޔަސް އަދި އެމަޖެންސީގައި ކުއްލިއަކަށް މާލެ ދާންޖެހުނަސް ބ.އަތޮޅުގެ ރައްޔިތުން ޖެހެނީ އެއް ރަށުން އަނެއް ރަށުން ކަނޑުފަތާފައި މާލެ ދާށެވެ. ނަމަވެސް ހުޅުވިގެންދިޔަ އެއާޕޯޓާއި އެކީ އެ ހުރިހާ ކަމެއް މިހާރު ވަނީ ފަސޭހަ ވެފަ އެވެ. އެންމެ 20 މިނެޓުން އަރާމުގައި ދަރަވަންދޫގެ ރައްޔިތުންނަށް މާލެ އާދެވޭނެ އެވެ.

"ބޭބެމެން އުމުރުގައިވެސް މިހާ އުފާވެރިދުވަހެއް ނުދެކެން ހީވެސް ނުކުރަން މިފަދަ ކަމެއް ވެދާނެ ކަމަކަށް މިއީ ހަގީގަތުގައިވެސް މިރަށާއި މި އަތޮޅަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއްވެސް މެ،" ދަރަވަންދޫ ގެ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ މުހައްމަދު ހަސަން ބުންޏެވެ.

ދަރަވަންދޫގެ އާބާދީގައި 1040 މީހުން ދިރިއުޅެއުޅޭއިރު އެ އެއާޕޯޓުން އެރަށުގެ ރައްޔިތުނަށާއި އަތޮޅުގެ ރައްޔިތުނަށް ގިނަ ވަޒީފާތަކެއް ލިބޭނެ އެވެ. އެއާޕޮޓް ހުޅުވިގެން ދިއުމުގެ ރަސްމިއްޔާތަށް ތަފާތު ކުލަގަދަ ހަރަކާތަތަކެއް ބ. އަތޮޅުގެ ރައްޔިތުނާއި ހާއްސަކޮށް ދަރަވަންދޫ ރައްޔިތުންގެ ފަރާތުން ދައްކުވައިދީފައިވާއިރު އެއިގެން ކޮންމެ ރައްޔިތަކުވެސް ދަނީ ހިތުގެ ތެރެއިން އުފަލުން ނަށަމުންނެވެ.

"މީގެ ކުރިން އެމަޖެންސީގައި ތަކެތި ގެންނަންވެސް އާންމު މުދާ ގެންނަހެން މަސައްކަތް ކުރަން ޖެހޭނީ، އެކަން މިހާރު ވަރަށް ފަސޭހަވެގެން މިދިޔައީ، ބެނުންވާހާ އަވަހަކަށް މުދާ ގެނެވޭނެ،" ދަރަވަންދޫ ވިޔަފާރި ވެރިއެއްކަމަށްވާ ފެމެލީ ސްޓާގެ ސޭޓް ބުންޏެވެ.

އެއެއާޕޯޓަށް މިހާރު ވަނީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ދަތުރުތަށްވެސް ފަށާފަ އެވެ. އައިލެންޑް އޭވިއޭޝަން(އައިއޭއެސް)ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެރަށަށް ޝެޑިއުލް ތިން ދަތުރު ކޮންމެ ދުވަހަކުވެސް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ޓިކެޓް ވިއްކަމުން ގެންދާނީ އެއްކޮޅު ޓިކެޓެއް 800ރ. އަށް ކަމަށާއި އަދި 48 ގަޑި އިރު ކުރިން ޓިކެޓް ނަގާ ނަމަ 750ރ. އަށް ކަމަށެވެ. އަދި ފުރަތަމަ ދަތުރުތައް ފަށާ އިރު ދަތުރުތައް ކުރަނީ ހޯމަ ދުވަހާއި ބުދަ ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު ކަމަށް ނަޝާތު ވިދާޅުވި އެވެ.

މާލެއިން ފުރައިގެން ބ.އަތޮޅަށް ބާރު ސުޕީޑްގެ ލޯންޗްގައި ދަތުރުކުރެވެނީ 2:30 ހުންނެވެ. އެގޮތުން ބ. އަތޮޅުގައި މިހާރުވެސް އަށް ރިސޯޓު ހިންގަމުންދާއިރު ޓޫރިސްޓުން އެރިސޯޓުތަކަށް ކަނޑުމަގުންނާއި އެހެން ގޮތްގޮތަށް ގެންދިއުމަކީ ދަތި ގޮތަކަށް ވެފައިވާއިރު ދަރަވަންދޫގައި ތަރައްގީކުރެވިގެންދިޔަ އެއާޕޯޓުގެ ސަބަބުން ފަސޭހަވެގެން ދާނެ އެވެ.

"އަސްލު މިއީ އަޅުގަނޑުމެނަށް ސަރުކާރުން ދިން ބޮޑު ހަދިޔާއެއް. އެހެންކަމުން މިކަމުގައި އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން، މީގެ ކުރިން ކިތަންމެ އަވަހަށް ދާންޖެހުނަސް އަޅުގަނޑުމެން ޖެހެނީ ކަނޑުފަތަން އެކަމު މި އެއާޕޯޓުގެ ސަބަބުން މިހުރިހާކަމެއް ފަސޭހަވެގެން މިދިޔައީ،" ތިން އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދޭން ފެށި އެއާޕޯޓައި ދޭތެރޭ ހިންހަމަ ޖެހިގެން ހުރި ބ. ގޮއިދޫ ޒުވާނަކު ބުންޏެވެ.

އެއެއަޕޯޓުގެ ސަބަބުން ފަސޭހަ ކަމާއެކު ބ. އޮތޮޅަށް ދަތުރުކުރުމުގެ އިތުރުން އެއަތޮޅުގެ އިގްތިސާދަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސް ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. ހަގީގަތުގައިވެސް މިއީ ބ.އޮތޯޅަށް ލިބުނު ވަރަށްވެސް ބޮޑު ޝަރަފަކާއި ފަހުރެކެވެ.