"ހިޔާނާތް"، "ކޮރަޕްޝަން" އަހަރެމެންނަށް މި ބަސްތައް އަލެއް ނުވާނެ އެވެ. ދެހާސް ތިނެއްގައި ރާއްޖެ އަށް އަންނަ ފެށި ޑިމޮކްރަޓިކް ބަދަލުތަކާ އެކު އެ ބަސްތައް ދިވެހިންގެ ރަދީފުގައި ލިޔެވުނީ ރަހުމަތްތެރި ބަސްތަކުގެ ގޮތުގަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ގޮންޖަހަން އިދިކޮޅު ސިޔާސީ ހަރަކާތުގައި އެންމެ ކުރީގައި އެ ދެބަސް އޮންނާނެ އެވެ.

އެއީ އޭރު ހަގީގަތްތަކެއްވެސް ހުރި ކަންކަމެވެ. މައުމޫންގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ، ބޮޑުބޭބެ އިލްޔާސް އިބްރާހީމް ޝާމިލްވާ އެފްޕީއައިޑީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ރައީސް މައުމޫނާއި އާއިލާގެ ބޭފުޅުން ތީމުގޭ ބަޖެޓުން ކުރައްވާފައިވާ ނުބައްދަލު ހަރަދުތަކާއި އާއިލީ ބޭފުޅުންނަށް ސަރުކާރުގެ ބޮޑެތި މަގާމުތަކާއި ވަޒީފާތަށް ދެއްވުމަކީ އޮޑިޓް ރިޕޯޓްތަކުގައި، ކޮރަޕްޝަން ކަމަށް ތުހުމަތުކޮށްފައިވާ ކަންތައްތަކެވެ.

އެ ހުރިހާ ކަމެއްގެ ގޮންޖެހުމާ އެކު މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަން ޑިމޮކްރަޓިކް ވެރިކަމަކަށް ދީލައިލީ އެ ބަސްތަކަށް ރައްޔިތުން ނޫނެކޭ ބުނަމުންނެވެ. ނަމަވެސް ދެން ވެސް ފެނުނީ ނަން ބަދަލުވެ، ކަންބަދަލު ނުވާ ތަނެވެ. ކޮރަޕްޝަންގެ ތުހުމަތު އިނގިލި ދިއްކުރެވޭ ކިތަންމެ ކަމެއް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި ފެންމަތިވާން ފެށި އެވެ. ހެވީލޯޑަށް ދިން ތިލަފުށި ހިއްކުމުގެ ޕްރޮޖެކްޓާއި ޖީއެމްއާރަށް އެއާޕޯޓް އެވޯޑް ކުރުމާއި ނާޖާއިޒު ގޮތުން ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދިނުމާއި ސީއެސްއާރުގެ ދަށުން އެތައް ރަށްތަކެއް ބިޑް ކުރުމެއް ނެތި ދޫކުރަމުން ގެންދިޔުމަކީ ހިޔާނާތުގެ ގޮޅިއަށް ފެތޭނެ ކަންތައްތައް ކަމަށް އޮޑިޓް ރިޕޯޓްތަކާއި އޭސީސީގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އަތްމައްޗަށް ބާރުތައް ފުރޮޅުނީ އެކަންތައްގަނޑުގެ ތެރެއިންނެވެ. ނަމަވެސް ސުވާލަކީ ކޮރަޕްޝަންގެ ދޮރުތައް ބަންދު ކުރެވޭތޯ އެވެ. ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ނެކްސްބިޒާ ހަވާލުކުރި، ބޯޑާ ކޮންޓްރޯލްގެ މަސައްކަތް، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއީ ކޮރަޕްޝަނޭ ގޮވަގޮވައި އޮއްވައި ދަނީ ކުރިއަށެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ވެސް އަންނަނީ ތިލަވަމުންނެވެ.

ސަރުކާރެއް ބަދަލުވުމަކީ ކޮރަޕްޝަންގެ ދޮރުތައް ބަންދުވުމެއް ނޫނެވެ. އެއީ މުޅި ނިޒާމުގެ ތެރޭގައި ހުރި ފްލޯތައް ކަމަށް ވެދާނެ އެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަންގެ އެއް މައްސަލަތަކެއް ރިޕީޓްވެ އެވެ. އެއް ޒާތެއްގެ މައްސަލަތަކެވެ. ސަބަބަކީ ކޮބައިބާ އެވެ؟

"އަޅުގަނޑަކަށް މި ސިސްޓަމަކަށް އިތުބާރެއް ނުކުރެވޭ. އޮފީސްތަކުން ހަރަދުތައް ރަނގަޅަށް ބަލަހައްޓަމުން ނުދޭ. މިހާރު ވެސް ފިނޭންސުން އެތައް މިލިއަން ރުފިޔާއެއް އެޑްވާންސްކޮށް ފޮނުވިޔަސް ހަރަދުވި ކަމަށް ޖަހާނެ ފޮނުވާ ވަގުތު. ފަހުން ދެން އެއްކަލަ ފައިސާ އަށްވީ ކިހިނެތްތޯ ހަރަދުކުރި ގޮތަކީ ކޮބައިތޯ ނުބަލާނެ،" އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވި އެވެ.

މުޅި ނިޒާމުގެ ތެރޭގައި ބޮޑެތި ފްލޯތައް ހުރީ އެވެ. އޮޑިޓާ ޖެނެރަލް އިތުބާރު ނުކުރެވޭ އެއްޗަކަށް މުޅި ސިސްޓަމް ވެފައިވާ އިރު ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ސީރިއަސް މައްސަލަތައް ހުރީ ކުރިއެކޭ ވެސް އެއްގޮތަށެވެ. އިލެކްޓްރޯނިކް ސޮފްޓްވެއާތައް 2009ގައި ބޭނުން ކުރަން ފެށި ނަމަވެސް މުޅި ސޮފްޓްވެއާ އެކީ އެންޓި އޮޕަރޭޝަނަށް ގެނެވޭ ގޮތެއްނުވި އެވެ. ވަކި ހިސާބަކުން ފިނޭންސަށް ވެސް ބާރު ބޮޑުވެ ވަރުބަލީ އެވެ.

"ސެޕް ސިސްޓަމް [ދައުލަތުގެ ހިސާބުތައް ބަލަހައްޓާ ނިޒާމް] ވަކި ހިސާބަކުން ބޭނުން ކުރަމުން ގޮސްފައި ފިނޭންސުން މާބޮޑަށް ބަލަން ފެށީމާ ކޮންމެވެސް ވަރަކަށް ޝަކުވާތަށް އައިސްގެން މަސައްކަތް ލުއި ކޮށްލީ. މުޅި ސޮފްޓްވެއާ އެކީގައި އޮޕަރޭޝަން ކުރެވޭ ގޮތެއް ނުވޭ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ދެން އޮތީ އޭގެ ފަހަތުން ނުކުންނަ އެހެން މައްސަލަ އެކެވެ. އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭ މައްސަލަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ކުރިމަތިވަނީ އެ މައްސަލަ އެވެ. ހެވީ ލޯޑްގެ ޕްރޮޖެކްޓާއި ނެކްސް ބިޒް ޕްރޮޖެކްޓް ފެށީ ވެސް އެ މަސައްކަތް ނުފެށުމަށް އަންގާފައި ވަނިކޮށެވެ. އޭގެ ފަހުން ހުއްޓުވަން އަމުރު ނެރުނަސް އަޑު އިވޭކަމަށް ވެސް ނުހެދި އެވެ. އޮޑިޓާ ޖެނެރަލް ނިޔާޒު ވިދާޅުވީ ދައުލަތުގެ ބައެއް އިދާރާތައް އޮޑިޓް ނުކުރެވިގެން އުޅެނީ ހިސާބުތައް ނުލިބިގެން ކަމަށެވެ. މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭއިރަށް ދައުލަތުގެ މުއައްސަސާތަކުގެ ކޮންމެވެސް "ބަހަނާ" އަކާ އޮޑިޓާ ޖެނެރަލް އަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަ އެވެ.

"ކުރީގެ ހިސާބުތަކެއް ފިނޭންސްގައި ހޯދަން އެދޭއިރަށް އަންނާނެ ޝަކުވާ ވާރޭ ވެހިގެން ހަލާކުވެއްޖޭ މިހާރު ހޯދަން ވަރަށް އުނދަގުލޭ މިކަހަލަ ކަންތައްތައް. ކުރީގެ އެޓޯލްސް މިނިސްޓްރީ ހޯމް މިނިސްޓްރީގެ ދަށަށް ގެނައިރު އެތަނުގެ ލިޔުންތަކެއް ވެސް ނެތް. ޑިފެންސްގެ ހިސާބުތައް ހޯދަން އެދޭއިރަށް އަންނަ ޝަކުވާއަކީ ގައުމީ ސަލާމަތަށް ފޮރުވަން ޖެހޭ އެއްޗިއްސޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑާ މި މަސްއޫލިއްޔަތު ހަވާލުކޮށްފައި ހުރީ ތިޔަ ބޭފުޅުން ގައުމީ ސަލާމަތަށް ބަލާވަރަށް އެ ސިއްރު ކުރަން ޖެހޭ ވަރަށް އަޅުގަނޑު ވެސް މައުލޫމާތު ސިއްރުކުރާނެތީއޭ،" ނިޔާޒު ވިދާޅުވި އެވެ.

އޭސީސީ އަށް ވެސް ކުރިމަތި ވަނީ އޮޑިޓާ ޖެނެރަލަށް ވެސް ކުރިމަތިވާ މައްސަލަތަކެވެ. ނެކްޒް ބިޒްގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓުމަށް އެންގުމުން ސީދާ ސަރުކާރުގެ އިސްވެރިން މައްސަލައިގެ ތެރެއަށް ވެންނެވި އެވެ. އޭގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. ސަރުކާރުގެ ތަރުޖަމާނާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވާހަކަ ދެއްކެވި އެވެ. ހުދު ރައީސް ވެސް ވިދާޅުވީ އޭސީސީއަކީ "ޕްރޮޖެކްޓްތައް ހުއްޓުވާ ތަނެއް ނޫން" ކަމަށެވެ. އެ ޕްރޮޖެކްޓް ދިފާއުކުރެއްވީ އެވެ.

ރައީސްގެ އަނބިކަބަލުން އިލްހާމް ހުސެއިންގެ ކޮއްކޯފުޅު އިލްޔާސް ހުސެއިންގެ މައްޗަށް އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭތީ ޖިނާއީ ދައުވާ ކުރުމަށް އޭސީސީ އިން މައްސަލަ ޕީޖީއަށް ވައްދާފައި ވަނިކޮށް ވެސް ސަރުކާރަށް އައި ފާޑު ކިޔުންތަކާ އެކު ކޮންޓްރޯލާ ކަމުން އިލްޔާސް ދުރުކޮށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދެއްވީ އެވެ.

ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނާއި ޗެއާމަނުން ވަކިކޮށްލަން ސަރުކާރުން ފަސްނުޖެހުނެވެ. މަސްކުންފުނިތަކުގެ ކޮރަޕްޝަންތައް ފެންމަތިވުމާ އެކު އެ އެންމެންވެސް މަގާމު ދުރުކުރީ އެވެ. ކުރީ ސަރުކާރުގެ ސީއެސްއާރު ޕްރޮޖެކްޓްތަކުގެ ފަހަތުން ގޮސް އެކަންކަން ވެސް ހުއްޓުވީ އެވެ. ނަމަވެސް ސުވާލަކީ ކޮރަޕްޝަންގެ މޫ ސަރުކާރުން ލުހެލުމަށް މި ސަރުކާރުން ވެސް ނުކުޅެދިފައިވާ ކަމެވެ. މޫނު މައްޗަށް ރީތިކުރަން ބަޔަކު ވަކި ކުރިޔަސް މުޅި ނިޒާމު އޯވަހޯލްކޮށް ނިޒާމުގެ ބާގަނޑުތައް ފޫނުބައްދާ ނަމަ ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުވާނެ އެވެ.

"އަޅުގަނޑުމެން ހަގީގަތާ ފޭސްކުރަންވީ. މިކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންވީ. އަޅުގަނޑު ކިތަންމެ ފަހަރަކު ފިނޭންސް މިނިސްޓަރަށް ދެންނެވިން ހައްލުކުރަން. ރައީސް އަށް ދެންނެވިން ކޮބައިތޯ ހައްލުކުރަން އެޅުއްވި ފިޔަވަޅަކީ. ނާޅުއްވައޭ،" ނިޔާޒު ވިދާޅުވި އެވެ.