ވެރިރަށް މާލޭގައި އެތައް ގޭންގެއްވެ އެވެ. އެ ގޭންގްތަކުން ނުރައްކާތެރި އެތައް ޖަރީމާތަކެއް ވަނީ ހިންގައިފަ އެވެ. ސިއްރާއި ފާޅުގައި ހިންގާފައިވާ އެ ޖަރީމާތައް އެގޭންގްތަކުން ހިންގީ ކީއްވެކަން ގިނަ ފަހަރު އޮންނަނީ ނުހޯދި އެވެ. ހަމަ އެފަދަ އިން ގޭންގްތައް ނުވަތަ ގޭންގެއް އުފަންވާ ގޮތް ވެސް ކުރިން އޮތީ ނޭނގި އެވެ.

މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ރިޕޯޓުން ވަނީ އެކަމަށް ކޮންމެވެސް ވަރެއްގެ އައްޔެއް އެޅިފަ އެވެ.
ގޭންގް އުފެދެން މެދުވެރިވާ ކަމަށް ގޭންގްތަކުގެ މީހުން ބުނާ ސަބަބުތަކެއް އެރިޕޯޓްގައިވާ އިރު، އެމީހުން ވާހަކަ ދައްކާނީ އެހެން ބައެއްގެ ބޮލަށް އެކަން ޖެހުމަށް ކަން ވެސް މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

ނަމަވެސް އެމީހުން ކިޔައިދީފައި އެވާ ވާހަކަތަކަކީ ވެސް ގޭންގް މާރާމާރީ އާއި އެ މީހުން ކުރާ އެހެން ކުށްތައް މަދުކުރަން މަސައްކަތްކުރާ ބަޔަކު ވިސްނާލަން މުހިއްމު ކަންތައްތަކެކެވެ.

ގޭންގްތައް އުފެދެން މެދުވެރިކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއްމުވުމާއި މާފުށީ ޖަލުގައި ގައިދީއަކު މަރާލި ހާދިސާ އާއި ސިޔާސީ ޕާޓީތައް އުފެދުމެވެ.

ގޭންގް އުފެދުމުގައި މަސްތުވާތަކެތި ސަބަބަކަށްވި ގޮތާ ބެހޭ ގޮތުން ގޭންގް މެމްބަރުން ކިޔާދީފައިވާ ކަމަށް ރިޕޯޓްގައި ވަނީ 1990ގެ އަހަރުތަކުގައި ހެރޮއިން ޕެކެޓްތައް ބޭރު މީހުން (މައިގަނޑު ގޮތެއްގައި އިންޑިއާ މީހުން) ރާއްޖޭގައި ބެހި ކަމަށެވެ. އެގޮތުން އެމީހުން ބެހި ޕެކެޓްތަކުގައި އެ ބޭނުންކުރާނެ ގޮތް ވެސް ލިޔެފައިވާ ކަމަށް އެމީހުންނާ ހަވާލާދީ ރިޕޯޓްގައިވެ އެވެ.

"މީހުން އެއަށް ދެވި ހިފުމުން، އެތަކެތި ހިލޭ އިތުރަކަށް ނުލިބުނެވެ. އެހެންވެ އެކަމަށް ހަރަދުކުރަން މަޖުބޫރުވި އެވެ. އެގޮތުން ފަހުން އެންމެ ފަހަރަކު ބޭނުންކޮށްލުމަށް 300 ވަރަކަށް ރުފިޔާ ހަރަދުކުރަން ޖެހުނެވެ. އަދި އެއާ ގުޅިގެން މަސްތުވާ ތަކެތީގެ ވިޔަފާރި އާއި އެއާ ގުޅުން ހުރި އެހެން ކުށްތައް ފެށި އޭގެ ސަބަބުން ގޭންގްތައް އުފެދެން ފެށިއެވެ. " ގޭންގްތައް ފުރަތަމަ ވުޖޫދަށް އައި ގޮތާ މެދު ރިޕޯޓްގައިވެ އެވެ.

ގޭންގްތައް ފުޅާވެ، އިތުރުވާން ޖެހުނު ކަމަށް ގޭންގް މީހުން ބުނާ އަނެއް ކަމަކީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ގައިދީއަކު (ހަސަން އީވާން ނަސީމު. ހ. އޭޝިއާ) މަރާލި ހާދިސާ އެވެ. އެ ހާދިސާއާ ގުޅިގެން ގޭންގްތަކުގެ ހަރަކާތްތައް އިތުރުވެ، ނުރައްކާތެރިކަން ބޮޑުވި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސިޔާސީ ހަރަކާތްތައް ފެށި ސިޔާސީ ޕާޓީތައް އުފެދުމެވެ. އަދި މާފުށީޖަލުގައި ހިނގި ކުށްވެރިން އުތުރު އެރުމުގެ ހާދިސާ ކޮންޓްރޯލް ކުރުމުގައި އޭރު ސިފައިން އަމަލުކުރި ގޮތުން ވެސް އެކަން އިތުރުވި ކަމަށް ގޭންގް މެމްބަރުންނާ ހަވާލާދީ ރިޕޯޓްގައިވެ އެވެ. އެ ހާދިސާ އާ ގުޅިގެން ބަދަލުހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބައެއް ރައްޔިތުން ގޭންގްތައް ބޭނުންކުރި ކަމަށް ބުނެފައިވެ އެވެ.

އުފެދުނު ގޭންގްތަކާއި މީހުން އަލަށް ގުޅޭ ގޮތާ ބެހޭ ގޮތުން ވެސް ދިރާސާގައި ބަލާލާފައިވެ އެވެ. މައުލޫމާތު ހޯދާފައި ވަނީ ހަމަ ގޭންގް މެމްބަރުންގެ ފަރާތުންނެވެ. އެމީހުން އެމީހުންގެ ކުށުގެ ވެއްޓާ ގުޅުނު މައިގަނޑު ފަސް ސަބަބެއް ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ފާހަކޮށްފައިވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އަދި އެންމެ ވިސްނަން ޖެހޭ އެއް ސަބަބަކީ ވަޒީފާ ނުލިބުމެވެ. ގޭންގްތަކުގެ ގިނަ މެމްބަރުން ބުނެފައިވާ ގޮތުގައި ޖީސީއީ އެޑްވާންސް ލެވެލް އިމްތިހާނު ހެދުމުން ވެސް ވަޒީފާ ނުލިބި ތިބެންޖެހެ އެވެ. ނުވަތަ ވަޒީފާއެއް ލިބުން ނަމަވެސް ދިރިއުޅުން ހަމަޖެއްސޭ ފަދަ އާމްދަނީ ގިނަ ވަޒީފާތަކުން ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ދެވަނަ ސަބަބަކީ އާއިލީ މައްސަލަތަކެވެ. ރާއްޖޭގައި ގިނަވެފައިވާ އާއިލާ ރޫޅުމުގެ މައްސަލައަކީ ޒުވާނުން ގޭންގްތަކާ ގުޅުމަށް މެދުވެރިވާ ސަބަބެއް ކަމަށް ދިރާސާއަށް ގޭންގް މެމްބަރުން ކިޔައިދީފައިވާ ވާހަކަ ތަކުން އިނގެ އެވެ. އެފަދަ ބައެއް ވާހަކަތައް އެރިޕޯޓްގެ ކުރިން ވެސް އަދި ފަހުން ވެސް ބައެއް މަންމައިންނާއި ގޭންގް މެމްބަރުން ވެސް ހިއްސާކޮށްފައިވެ އެވެ.

"އަހަރެންގެ ދަރިފުޅަކީ މަޖީދިއްޔާ ސްކޫލްގައި ހަމަ ރަނގަޅަށް ކިޔަވަމުން އައި ކުއްޖެއް. އޭނާ ގެއިން ބޭރުގައި ގިނައިން އުޅެން ފެށީ ދެމަފިރިންގެ މެދުގައި ޒުވާބުތައް ގިނަވެގެން ދިޔަ ދުވަސްވަރު، ދެ މީހުންގެ ޒުވާބުތައް ނިމުނީ ވަކިވެގެން. އެހިސާބުން ދަރިފުޅުގެ ކަންތަކާ ވިސްނާލި އިރު އޭނާ އުޅެނީ މިހާރު އޭނާ އެއުޅޭ ގްރޫޕާ ގުޅިގެން،" ދަރިފުޅު ގޭންގް މެމްބަރެއްގެ މަންމަ އަކު ބުންޏެވެ.

މިއީ އެންމެ މަންމައެއްގެ ވާހަކަ ކަމަށް ވިޔަސް މިއީ ރާއްޖޭގެ ގިނަ އާއިލާތަކެއްގެ ވާހަކަ އެވެ. އަހަރަކު އެތައް ހާސް ކައިވެންޏެއް ރޫޅެމުން ދާއިރު އޭގެ ތެރެއިން ހަމަ ގިނަ އާއިލާ ތަކަކުން މިފަދަ ވާހަކަތައް އަންނާނެ އެވެ.

ގޭންގްތައް ނައްތާލަން ޖެހެޔޭ ނައްތާލަން ޖެހެޔޭ ކިޔަކިޔައި ބޮޑުން ތިއްބަސް އެކަމެއް ނުވާނެ އެވެ. ގޭންގްތައް އުފެދޭ ސަބަބުތަކާއި އެ ގޭންގްތަކާ މީހުން ގުޅޭ ސަބަބުތައް ގަބޫލުކޮށް އެ ސަބަބުތައް ނައްތާލަން މަސައްކަތް ނުކުރާހާ ހިނދަކު އެއީ އަމިއްލައަށްވާނެ ކަމެއް ނޫނެވެ.