ފުވައްމުލަކުގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާތަކެއް ވެއްޖެ އެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރު މުހައްމަދު ޒާހިރު ހަސަން ސަން އޮންލައިނަށް ވިދާޅުވީ މިރޭ އަށެއް ޖަހާ އެހާކަންހާ އިރު ހިނގި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަނިޔާ ލިބުނު ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"އެ އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފައި. އޭގެ ތެރެއިން އެކަކު މިހާރު ދުކޮށްލައިފި. އަނެއް ދެ މީހުން ތިބީ އެޑްމިޓް ކޮށްފައި. އެދެ މީހުން ވެސް އެހާ ސީރިއަސްއެއް ނޫން؛" ޒާހިރު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އެ ރަށު ކިނާރީގެ މުހައްމަދު މުސްތަފާ އަހުމަދު، 41، އަށެވެ. އަދި އެ ރަށު މޫން، މުހައްމަދު ތާއިލް، 18، އާއި އެ ރަށު މަންޒިލް، މާޝިގް މުހައްމަދު، 17، އަށް ވެސް އަނިޔާވި އެވެ. ނަމަވެސް މާޝިގް ވަނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.

އޭނާ ވިދާޅުވީ މިރޭ ހިންގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ މީހަކާއި 18 އަހަރާއި 17 އަހަރުގެ ދެ ޒުވާނުންނަށް ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ އެ ދެ މީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.