މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ ހުކުމްތައް ތަންފީޒުކޮށް ދިނުމަށް އެދި އެ އޮތޯރިޓީ އިން މިއަދު ސިވިލް ކޯޓަށް ހިނގައްޖެ އެވެ.

މިރާ އިން ބުނީ މި އަހަރު ސިވިލް ކޯޓުން ކުރި ހުކުމަށް ތަބާވެފައި ނުވާތީ ހުކުމް ތަންފީޒް ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ "ބިޒްނަސް އެލަޔަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއި "މާމަޑުއްވަރީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ މައްސަލަ ކަމަށެވެ.

އެ އޮތޯރިޓީ އިން ބުނީ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ މީރާ އަށް ދެއްކުމަށް ބިޒްނަސް އެލަޔަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވާ އިރު އެ ކުންފުނިން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. ޓޫރިޒަމް ޓެކްސްގެ ގޮތުގައި އެ ކުންފުނިން ނުދައްކައި އޮތް 1,604 އެމެރިކާ ޑޮލަރާއި އެ ޓެކްސް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 16,162.50ރ. ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އަދި މާމަޑުއްވަރީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބ. މާމަޑުއްވަރީގެ ލީސް ރެންޓާއި އެ ރެންޓް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 5,606,954.87 ވެސް ކޯޓު ހުކުމާ އެއްގޮތަށް ނުދައްކާ ކަމަށް މީރާ އިން ބުނެ އެވެ.

ހަމަ އެހެންމެ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އަމިއްލަ މީހެއްގެ މައްސަލަ ވެސް މީރާ އިން ވަނީ ހުކުމް ތަންފީޒު ކުރުމަށް ހުށަހަޅާފަ އެވެ. މީރާ އިން ބުނީ މ. ފުޖީ އަލީ ވަހީދު، ށ. ކަކާއެރިދޫ ލީސް ރެންޓާއި އެ ކުލި ނުދެއްކުމުގެ ސަބަބުން ދައްކަން ޖެހޭ އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފްރީސީއާ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑުން ގަލޮޅު ބޯޅަދަނޑު ހަ ނަންބަރު ފިހާރައިގެ ކުލީގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ފައިސާ އާއި އެ ފައިސާ ކަނޑައެޅިފައިވާ ތާރީހަށް ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މީރާ އިން ވަނީ މައްސަލަ ހުށަހަޅާފަ އެވެ. މީރާ އިން ބުނީ ފްރީސީއާ މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 352،862.90.ރ އާއި ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 154،371.94 ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ވެސް ވަނީ ހުށަހަޅައިފަ އެވެ.