އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ)އާ ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ދުނިޔޭގެ ކާރިސާތަކާއި ބެހޭ ރިޕޯޓުގެ 20 ވަނަ އަދަދު ރާއްޖޭގައި މިއަދު ލޯންޗު ކޮށްފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓު ލޯންޗު ކޮށްދެއްވީ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އެވެ.

އަހަރަކު އެއްފަހަރު ނެރޭ އެ ރިޕޯޓް ރާއްޖޭގައި ނެރުނު މިއީ ފުރަތަ ފަހަރެވެ. ރިޕޯޓުގައި އަލި އަޅުވާލާފައި ވަނީ ކުރިމަތިވާ އެކި ހާލަތްތަކުގެ ސަބަބުން އަމިއްލަ ގައުމު ނުވަތަ ދިރިއުޅޭ ވަޒަނުން އެހެން ތަނަކަށް ބަދަލުވާން ޖެހިފައިވާ ފަރާތް ތަކަށެވެ. އެގޮތުން މިހާރު ވެސް ދުނިޔޭގެ 72 މިލިއަނަށް ވުރެ ގިނަ މީހުން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށްފައި ގޮސް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި އެފަރާތްތަކަށް ކުރިމަތި ވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ ވާހަކަ އާ، އެމީހުންނަށް ދިމާވެފައިވާ ތަފާތު ކުރުންތަކާއި، އެކަހެރި ކުރުންތަކާއި އަނިޔާތަކުގެ ވާހަކަ ބަޔާން ކޮށްފައިވެ އެވެ. އަދި އެރިޕޯޓުގައި އަމިއްލަ ވަތަން ދޫކޮށް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާ މީހުންގެ ހައްގުތަކަށް އިސްކަން ދިނުމަށް ދުނިޔެއަށް ގޮވާލާފައިވެ އެވެ.

ރިޕޯޓު ނެރެދެއްވުމަށް ފަހު އިނގިރޭސި ބަހުން ދެއްކެވި ކުރު ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓްގެ މި މުހިއްމު މަސައްކަތުގެ ސަބަބުން ދުނިޔޭގެ އެކި ގައުމު ތަކުގައި ގެދޮރުން ބޭރުވެފައި ތިބި މީހުން ކުރަމުން އަންނަ އިންތިޒާރު ތަކާއި، ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ވުމުގެ އުއްމީދު އާވެގެން ހިނގައްޖެ ކަމަށެވެ. އަދި ރެޑްކްރެސެންޓަކީ ރާއްޖެ އަށް ދިމާވި ސުނާމީގެ ނުރައްކާތެރި ކާރިސާގައި ވެސް ވަރަށް އެހީތެރިވެދިން ފެޑެރޭޝަންއެއް ކަމަށް ވިދާޅުވެ އެ ޖަމްއިއްޔާ އަށް ވަހީދުއްދީން ޝުކުރު އަދާ ކުރެއްވި އެވެ.