ޑިޒާސްޓާ މެނޭޖްމަންޓުގެ ބަޖެޓުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އެތަނުގެ ތެރޭގައި ވޭތުވެ ދިޔަ ތިން އަހަރު ހިޔާނާތުގެ އިތުރު މައްސަލަތަކެއް އަދިވެސް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ޖަވާބު ދާރީވެ ވަޑައިގަންނަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު 2004 ވަނަ އަހަރު އުފެއްދި ފަހުން އެތަން އޮޑިޓް ކުރިކަން އެއްވެސް ރެކޯޑަކުން ފެންނަން ނެތް ކަމަށާއި ހައުސިން މިނިސްޓްރީ އޮޑިޓް ކުރަމުން ދަނިކޮށް ފާހަގަވި ބައެއް ކަންތައްތައް އޮޑިޓް ކުރުމުގެ ތެރޭގައި ވޭތުވެ ދިޔަ ދެތިން އަހަރު އެ ސެންޓަރުގައި ހިޔާނާތުގެ އިތުރު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"މިއީ ދިމާވި ހާދިސާއެއްގައި ފެށިގެން އައި ތަނެއް [ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު] އެހެންވީމާ ތިޔަ ބޭފުޅުން ބައްލަވާ މިތަނުގައި ދެން ލިޔުންތައް ހުންނާނެ ގޮތް. އޮޑިޓެއް އަދި ހެދިފައެއް ނެތް. އެގޮތުން އަޅުގަނޑުމެން ބެލި ބެލުމުން 24 މިލިއަން ރުފިޔާގެ މައްސަލަ މި ފާހަގަވީ. ދެން އަދި 18 މިލިއަން ރުފިޔާގެ މައްސަލައެއް ވެސް އުޅޭ. މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިކަހަލަ މި ނޫނަސް މައްސަލަތަށް ފެންމަތިވެފައި ހުރީ މި ތަނުގައި،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ފާހަގަވި މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އޮޑިޓް ނިމުމަށް ފަހުގައި ނޫނީ އެ މައުލޫމާތު އަދި ހިއްސާ ކުރެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ އޮފީހުން ކުރާ ހާއްސަ އޮޑިޓްތަކުގެ ފޮލޯއަޕް ރަނގަޅަން ނެހެދޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ހަރުދަނާ ކުރައްވާނެ ކަމަށެވެ.

"ނަމަވެސް ކުރިއަށް އޮތްތަނުގައި އެފަދަ ކަންތައްތަކަށް އަޅާނެ ފިޔަވަޅުތަކާއި ކުރިއަށް އޮތް ތަނުގައި މިކަހަލަ ހާއްސަ އޮޑިޓް ރިޕޯޓްތަކުގެ ކަންތައްތަކަށް އަމަލުކުރާ ވަރު ބަލާނެ،" ނިޔާޒު ވިދާޅުވި އެވެ.

ޑިޒާސްޓާ ސެންޓަރު ފެށުނު ދުވަސްވަރު ވެސް އެ ސެންޓަރުގެ ހިސާބުތައް ބަލަހައްޓަމުން ދިޔައީ އެއްގޮތަކަށް ވެސް ރަނގަޅަށް ނޫން ކަމަށާއި އެތައް މިލިއަން ރުފިޔާއެއް ރަށްރަށަށް ފޮނުވާ އިރު އެ ފައިސާ ދިޔައީ ރަނގަޅަށްކަން ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

"އަޅުގަނޑު އޭރު އާދައިގެ އޮޑިޓަރެއްގެ ގޮތުން އެތަންތަން ފެނިފައި ހުރީ. ރަށްރަށަށް ދާ ގްރޫޕްތަކަށް އެބަދޭ އެތައް މިލިއަން ރުފިޔާއެއް ހާލުގައި ޖެހިފައި ތިބި މީހުންނަށް ބަހަން. ގޭގެއަށް ފައިސާ ހަވާލުކޮށްފައި ފޯމު މި ފުރާލަނީ ފަންސޫރުން. ފަހަތަށް ސުމެއް އިތުރުކޮށްލާފައި 4000ރ. އެކައްލަ ގްރޫޕުގެ ޖީބަށް. އަޅުގަނޑަށް އޭރު ކުރެވޭނެ ކަމެއްނެތް. އަޅުގަނޑު އެކަންކަން ފާހަގަ ކުރިން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހަގީގަތްތަކާ ކުރިމަތިލާ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ފަރުވާތެރި ވާންޖެހޭ ކަމަށާއި އޮޑިޓާ ޖެނެރަލެއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ވަންހަނާ ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދައުލަތުގެ އެކްސްޓާނަލް އޮޑިޓަރެއްގެ ފުރިހަމަ ދައުރު އަދާ ކުރުމުގައި ހުންނާނަން،" ނިޔާޒު ވިދާޅުވި އެވެ.