17 Oct 2012, 21:30
ފުވައްމުލަކުގައި، ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ދެ މީހުންވެސް ޒަހަމްވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ މިއަދު އިރުއޮއްސި 7:45 ހާއިރު ހިނގި އެ މާރާމާރީގައި ދެމީހުނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ވަގުތުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުން ދެ މީހުނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
" ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި އެ މާރާމާރީގައި ދެމީހުނަށްވެސް އެކި އަނިޔާ ލިބި މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން. އަދި އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވަނީ ވެފައި،" ހަނީފު ވިދާޅުވި އެވެ.
މާރާމާރީ ހިންގި ދެ މީހުންނަކީ އެރަށުގެ ދެ އަވަށެއްގެ ދެ މީހުން ކަމަށްވެސް ހަނީފް ވިދާޅުވި އެވެ. އެ މާރާމާރީ ހިންގަން ދިމާވި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.