ދުނިޔޭގެ ވޮލީބޯޅައާ ބެހޭ މައި ޖަމިއްޔާ (އެފްއައިވީބީ)ގެ އެހީތެރިކަމާއެކު ރާއްޖޭގެ ސުކޫލްތަކުގެ ޓީޗަރުންނަށާއި ސްޕޯޓްސް ސުޕަވައިޒަރުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ ކިޔަވައިދޭ ކޯހެއް ބޭއްވުމަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ވޮލީ ބޯޅަ އެސޯސިއޭޝަނުން ރާއްޖޭގެ ހުރިހާ ސުކޫލް ތަކަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކޯހުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެއެވެ.

މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ވޮލީބޯޅައިގެ ބޭސިކް އާއި ތަމްރީންތަކާއި މުބާރާތްތައް ކުރިއަށްގެންދާނެ ގޮތްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޯހުގެ ބައިވެރިންނަށް ކިޔަވައިދޭނީ އެފްއައިވީބީގެ އިންސްޓްރަކްޓަރުން ކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، ކޮންމެ އަހަރަކު ވެސް ވޮލީބޯޅައިގެ ތަފާތު ކޯސްތަކާއި ތަމްރީންތައް ކުރިއަށް ގެންދާއިރު، މިފަހަރުގެ ކޯހުން ފާސްވާ ފަރާތްތަކަށް އެފްއައިވީބީގެ ސެޓްފިކެޓް ލިބޭނެ ކަމަށެވެ.