ޑިޒާސްޓާގެ މެނޭޖް މަންޓް ސެންޓަރުގެ ބަޖެޓުން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ޑިޒާސްޓާގެ ހިޔާނާތުގެ މައްސަލައިގެ ސީރިއަސް ކަމުން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ނިންމާލައްވަމުން ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ މައްސަލާގައި އަޅާނެ ފިޔަވަޅުތަށް ނިންމުމަށް މާދަމާ މާލިއްޔަތު ކޮމެޓީގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ވީ އެންމެ އަވަހަކަށް ގޮތްތަކެއް ނިންމަން ޖެހޭކަމަށް ނާޒިމް ފާހަގަ ކުރެއްވި އެވެ.

މިއަދު ބޭއްވި ކޮމެޓީއަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ހާޒިރުކޮށް ކޮމެޓީން ވަނީ ގިނަ މައުލޫމާތުތަކެއް ސާފުކޮށްފަ އެވެ. އޭގެ ތެރޭގައި ޑިޒާސްޓާ އާއި ފިނޭންސް މިނިސްޓްރީން އެކަމުގައި ތުހުމަތުވާ ފަރާތްތަކާއި މަކަރާއި ހީލަތްހެދި އޭބީސީ ކުންފުނީގެ ޑިރެކްޓަރުންގެ މައުލޫމާތު ހިމެނެ އެވެ.

ކޮމެޓީގެ ގިނަ މެންބަރުންވެސް ވަނީ އެފަދަ ބޮޑު ފްރައުޑެއް ދައުލަތުގެ ނިޒާމުގެ ތެރެއިން ހިންގާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެފަދަ ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއްގެ މުހިންމުކަން މެންބަރުން ފާހަގަ ކުރެއްވި އެވެ.

މާލިއްޔަތު ކޮމެޓީން ފިޔަވަޅުތަކެއް އެޅުމަށް އަވަސްވީއިރު ޑިޒާސްޓާ މެނޭޖްމަންޓުންވެސް ބަޔާނެއް ނެރެ ބުނެފައިވަނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަށް އަންނަނީ އަޅަމުން ކަމަށެވެ. އެ މައްސަލަ އަންނަނީ އޭސީސީންނާއި ފުލުހުންވެސް ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުވެސްކޮށްފަ އެވެ.