ސައުވީސް ގަޑިއިރު ހިދުމަތްދޭ ފިހާރަތައްވެސް ރޭގަނޑު 11:00 ޖެހުމަށް ފަހު ބަންދުކުރަން ޖެހޭތީ ވައްކަން އިތުރުވާ ކަމަށް ބުނެ ފުލުހުން ކޮމެޓީއަށް ހާޒިރު ކުރަން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ދަންވަރުގެ ވަގުތުތަކުގައި ހިދުމަތްދޭ ފިހާރަތައް އަވަހަށް ބަންދު ކުރަން ޖެހޭތީ މާލެ ތެރޭގައި ހުންނަ ފިހާރަތަކުން ވައްކަން ކުރުން އާދަޔާ ހިލާފަށް އިތުރުވާ ކަމަށެވެ. އޭނާ ވިދާޅުވީ ރޭ އެކަނިވެސް މާލެއިން ތިން ފިހާރަކުން ވައްކަންކޮށް، ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ފިހާރަކަކުން ވެސް ރޭ ވައްކަންކޮށްފައިވާކަން އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ 24 ގަޑިއިރު ފިހާރަތައް ބައްދުކޮށް މާލެ ތެރޭގައި ފުލުހުން ފޯރި މަރަމުންދާއިރުވެސް ވައްކަމާއި އެކި ކުށްތައް ކުރުން އިތުރުވެގެންދާތީ ފުލުހުންގެ ޒިންމާއާމެދު ސުވާލު އުފެދޭ ކަމަށެވެ.

"24 ގަޑިއިރުގެ ފިހާރަތައް ބަންދު ކުރުމުން ރޭ އެކަނިވެސް ހަތަރު ފިހާރައަކުން ވަނީ ވައްކަންކޮށްފައި. އެއީ ކަންބޮޑުވާންޖެހޭނެ ކަމެއް. މިވާގޮތް ރަނގަޅަށް އެނގެންޖެހޭނެ. މިއީ ގައުމުގެ ސަލާމަތުގެ ކޮމެޓީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އެގޮތަށް ވާހަކަދެއްކެވި ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ ގަލޮޅުގައި ހުންނަ ފިހާރައަކުން ރޭ ވައްކަންކޮށްފައިވާ ކަމަށާއި ނަމަވެސް އިތުރު ތަނަކުން ރޭ ވަންކަން ކުރި ކަމެއް ފުލުހުންނަށް ރިޕޯޓްކޮށްނުވާ ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވީ ބޮޑެތި ކުށްތަކުގައި ހުކުމްކޮށްފައިވާ މީހުން މުޖުތަމައުއަށް ދޫވެފައިވާ ކަމަށާއި އެ މީހުން މުޖުތައުއަށް ދޫކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ 7،ގެ ފަހުން ކަމަށެވެ. އަދި އެކަމާ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ވެސް ފުލުހުން ކޮމެޓީއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އިހައްރޭވެސް އަޅުގަނޑު ދެކުނިން ނަޝިދުގެ ސަރުކާރުގައި ޑްރަގްގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހަކު މަގުމަތިން. އެއީ ވެގެންވާނެ ގޮތެއް ނޫން. އެ މީހުން ހައްޔަރުކޮށް، މުޖުތަމައު އަމާން ކުރަންޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް އެ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް ނިންމާފަ އެވެ. މީގެ ކުރިން ވެސް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)އަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށް ޖަވާބުދާރީކޮށްފަ އެވެ. ޓޫފޯވަން ކޮމެޓީއަށް ރިޔާޒް ކުރިން ހާޒިރުކޮށްފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން މަޖިލިސް މެންބަރުންނަށް އޮތް ނުރައްކަލުގެ ބިރު ދެނެގަތުމަށެވެ.