ޑިޒާސްޓާ މެނޭޖްމަންޓްގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައިވާ ކަމަށް އޮޑިޓަށް ފާހަގަވި ނަމަވެސް އެ އަދަދު އެއަށްވުރެ ވެސް ބޮޑުވެދާނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓުން ފެންމަތިވި ޑިޒާސްޓާ މެނޭޖްމަންޓްގެ ހިޔާނާތުގެ މައްސަލައިގެ ސީރިއަސްކަމުން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ހާޒިރުކޮށް މައްސަލައާ ގުޅޭ ގޮތުން މެންބަރުން ވަނީ މައުލޫމާތު ސާފުކުރައްވައިފަ އެވެ.

މެންބަރުން ސުވާލުކުރުމުގެ ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު ވިޝާމް އަލީ އޮޑީޓާ ޖެނެރަލާ ސުވާލުކުރެއްވީ ޑިޒާސްޓާ މެނޭޖްމަންޓްގެ ހިޔާނާތުގެ އަދަދު 24 މިލިއަން ރުފިޔާއަށް ވުރެ ވެސް އިތުރުވެދާނެތޯ އެވެ؟ އެ ސުވާލަށް ޖަވާބުދެއްވަމުން އޮޑިޓާ ޖެނެރަލް ނިޔާޒު ވިދާޅުވީ 24 މިލިއަން ރުފިޔާއަކީ އޮޑިޓަށް ފާހަގަވި އަދަދު ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ހައުސިން މިނިސްޓްރީގެ ހިސާބުތައް އޮޑިޓް ކުރަމުން ދަނިކޮށް މިކަން މި ފާހަގަވީ. އެހެންވެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަން ފެށީ. މިހާރު މި 24 މިލިއަން އަކީ ހިޔާނާތްވެފައިވާ ކަމަށް އޮޑިޓަށް ހާމަވި އަދަދު،" ފުލުހުން ވެސް ބަލަމުންދާ އެ މައްސަލައާ ގުޅޭ ގޮތުން ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ލަސްވާން ވެސް ޖެހުނީ ބައެއް ޑޮކިއުމަންޓްތައް ނުލިބިގެން ކަމަށާއި އެކަމާ ގުޅޭ ބައެއް ޑޮކިއުމަންޓްތައް ޑިޒާސްޓާ މެނޭޖްމަންޓްގައި ވެސް ނެތް ކަމަށެވެ. ނިޔާޒު ވިދާޅުވީ މުޅި މައްސަލަ ބެލި އިރު ޕާޗޭސް އޯޑަރުތަކަށް ފުރަތަމަ ފައިސާ ދޫކޮށްފައި ވަނީ ލިބެން ޖެހޭ ތަކެތި ލިބުމުންކަން ޔަގީން ކުރުމަށް ފަހުކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"އެއީ އެހެން މައްސަލައެއް. އެކަމަކު އިނގޭހާ ވެސް އެއްޗަކީ، 2005 ވަނަ އަހަރު އޭބީސީއަށް މި ފައިސާ ސަރުކާރުން ދޫކޮށްފައިވާކަން، ނަމަވެސް ފަހުން އެ ޕާޗޭސް އޯޑަރުގެ ކޮޕީހަދައިގެން އޭބީސީގެ ނަމުގައި އެޕޯލޯއިން މި ފައިސާ ނަގާފައި މިވަނީ. މިއީ 100 ޕަސެންޓް ޔަގީންވާ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

އެޕޯލޯއިން ފޮޓޯކޮޕީ ހަދައިގެން އޮޅުވާލައިގެން ހުށަހަޅާފައިވާ 711 ޕާޗޭސްއޯޑަރުގެ ތެރެއިން 571 އިންވޮއިސްއަކަށް 24.8 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ނިޔާޒު ވިދާޅުވީ އޭގެ ތެރެއިން ބާކީ ހުރި 141 އިންވޮއިސްތަކުގެ ޖުމްލަ އަގު ވެސް 9- 10 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެތަކެއްޗަށް ފައިސާ ދޫނުކުރެވުނީ ފިނޭންސްގެ ސެޕް ސިސްޓަމުން އެތަކެތި ރިޖެކްޓް ކުރުމުން ކަމަށެވެ.

"އެހެން ނޫން ނަމަ މިވެސް ދޫކުރެވޭނެ ފައިސާ،" ނިޔާޒު ވިދާޅުވި އެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ ފަރާތެއްގެ ނަން މެންބަރުންގެ އެދިލެއްވުމުގެ މަތިން އޮޑިޓް އޮފީހުން ވަނީ ކޮމެޓީއަށް މިއަދު ހާމަކުރައްވައިފަ އެވެ.

އެ މައްސަލަ ބެއްލެވި ޓީމުގެ ސީނިއާ އޮޑިޓާ، މުހަންމަދު އައިމަން ވިދާޅުވީ އެ ހިޔާނާތުގެ މައްސަލަ ހިނގި އިރު ޑިޒާސްޓާ މެނޭޖްމަންޓާ ހަވާލުވެ ހުންނެވީ، ސްޓޭޓް މިނިސްޓާ، އަބްދުﷲ ޝާހިދު ކަމަށާއި ޑިރެކްޓާ ޖެނެރަލް އަކީ މުހަންމަދު ޝާހިދު ކަމަށެވެ. އަދި މޫސާ އަލީ ކަލޭފާނަކީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އެވެ. އަދި ފިނޭންސްގެ ފަރާތުން އެ މައްސަލައިގައި ޝާމިލްވާކަމަށް ބެލެވެނީ ފައިނޭންޝިއަލް ކޮންޓްރޯލާއަކަށް ހުންނެވި މުހަންމަދު އަހުމަދާއި އަދި ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު އައްސަދު ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެދުމުގެ މަތިން އައިމަން ވަނީ އޮޅުވާލައިގެން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރާ، އޭބީސީ ކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތުތައް ވެސް ހާމަކުރައްވައިފަ އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންނަކީ ސ. މަރަދޫ ބިއުޓީ، އަލީ ނަޖާހު އާއި އަބްދުﷲ ނަޖާހު އެވެ.

އޮޑިޓާ ޖެނެރަލް ހެއްދެވި ހާއްސަ އޮޑިޓްގައި ބުނެފައި ވަނީ އޭބީސީ ކުންފުނީގެ ނަމުގައި އެޕޯލޯއިން ހުށަހެޅި ބިލުތަކަށް ފައިސާ ދޫކުރުމުގައި އެއްވެސް ބެލުމެއް ނެތި އެ ބިލްތަކަކީ ހަގީގަތުގައި ވެސް ފައިސާ ދައްކަން ޖެހޭ ސައްހަ ބިލްތަކެއްތޯ ޔަގީން ނުކޮށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައި ވަނީ އޭރު އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އޮފް ސްޓޭޓް އަބްދުﷲ ޝާހިދާއި ޑިރެކްޓަރު ޖެނެރަލް އަދި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށެވެ.

"ފައިސާ ދޫކުރުމުގައި އެ ބޭފުޅުން ވަރަށް ބޮޑަށް އިހުމާލުވެ، މަގާމުގެ ވާޖިބު އަދާކުރުމުގައި އިންތިހާއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް 24 މިލިއަން ރުފިޔާ ގެއްލުންވެފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅަންޖެހެ އެވެ،" ރިޕޯޓުގައިވެ އެވެ.

ޑީއެމްސީގެ ބަޖެޓުން ހިންގި އެ ހިޔާނާތުގެ މުއާމަލާތަކަށް ބެލި އިރު، ދައުލަތުގެ މުހިންމު ދެ މުއައްސަސާއެއްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގެން ހިންގާފައިވާ ހިޔާނާތެއް ކަމަށް ބަލާނެ އެއްވެސް ޖާގައެއްނެތް ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

މިއަދުގެ ކޮމެޓީގައި ވެސް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވީ އެ ހިޔާނާތުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

އެ ހިޔާނާތުގެ އަނޑި ހާމަކުރައްވަމުން އައިމަން ވިދާޅުވީ އެ ބިލްތަކަށް ފައިސާ ދޫކުރުމުގެ ކުރިން ޑިޒާސްޓާގެ އިސްބޭފުޅުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އައްސަދާއި ބައްދަލުކޮށް މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އެ މަޝްވަރާއާ ގުޅޭ އެއްވެސް މައުލޫމާތެއް ޑިޒާސްޓާގެ ޔައުމިއްޔާތަކުގައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

އަދި އެޕޯލޯއިން ފައިސާ ހޯދަން ބިލްތައް ހުށަހެޅުމުން އޭބީސީ އަށް 2005 ވަނަ އަހަރު ދޫކޮށްފައިވާ އިންވޮއިސްތަކުގެ ކޮޕީ ހޯދައިގެން އެތަކެތި ފޮޓޯ ކޮޕީ ނަގައި އެޓޭޗު ކުރުމަށް ފަހު ފިނޭންސަށް ފޮނުވަން ޑިޒާސްޓާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އެންގެވި ކަމަށް ވެސް ޑިޒާސްޓާގެ މުވައްޒަފަކު ބަޔާންދީފައިވާ ކަމަށް ވިދާޅުވި އެވެ.
އައިމަން ވިދާޅުވީ އިންވޮއިސްތައް ފޯޖުކޮށްފައިވަނީ ފޮޓޯ ކޮޕީ ނަގައިގެން ބައެއް ބަދަލުތަށް ގެނެސްގެން ކަމަށާއި ބައެއް ފަހަރު ތަކެތި ގެންދަން ޖެހޭތަން ނޫނީ ގަންނަން ޖެހޭ ތަކެތި ލިސްޓް ވެސް ބަދަލުކޮށްލައިގެން ބައެއް އިންވޮއިސްތައް ހުށަހަޅާފައިވާ ކަމަށެވެ.

އައިމަން ވިދާޅުވީ އެއީ ހިޔާނާތެއް ކަމަށް ބެލެވެނީ އެހާ ގިނަ ދުވަސްވީ އިންވޮއިސްތަކަކަށް ފައިސާ ދޫކުރުމަށް ހުށަހެޅުމުން ވެސް އެކަމާ މެދު އެއްވެސް ސުވާލެއް ނުކޮށް އަދި ބައެއް އިންވޮއިސްތައް ސިސްޓަމުން ރިޖެކްޓްކުރި ނަމަވެސް އެކަމާ މެދުވެސް ސުވާލުއުފައްދާފައި ނުވާތީ ކަމަށެވެ.

މެންބަރުން ވަނީ އޮޅުވާލައިގެން ނަގާފައިވާ ފައިސާގެ ޓްރާންސެކްޝަންތައް ގޮސްފައިވާ ގޮތް އޮޑިޓްގައިފާހަގަ ކޮށްފައި ނުވާތީ އެކަމާ ސުވާލުއުފައްދަވައިފަ އެވެ. އެކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ ފިނޭންސުން އެޕޯލޯއަށް ފައިސާ ޖަމާކޮށްދީފައި ވަނީ ކޭޝް ޗެކްގެ ޒަރީއާ އިން ކަމަށެވެ. އަދި އެކަމުގައި ފައިނޭންޝިއަލް ޓްރާން ސެކްޝަންތައް ބޭންކްތަކުގެ ތެރެއިން ހިންގާފައިވާ ގޮތް ބެލުމުގެ މަސައްކަތް ފުލުހުން ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ އެކަމުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް، ބޭންކްތަކުގެ ކަންކަން ބެލުމަކީ އަދި އަޅުގަނޑުމެން ކުރާ ކަމެއް ނޫންވީމައި، އެކަން ފުލުހުންނާއި ހަވާލުކޮށްގެން ކުރިއަށް މިގެންދަނީ،" ނިޔާޒު ވިދާޅުވި އެވެ.