ދިވެހި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހުރިި ބައެއް މައްސަލަތަކުގެ ފައިލް ބަންދު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އޭނާގެ އަމިއްލަ ބުލޮގް "އެމް ނަޝީދުޑޮޓްކޮމްގައި އިއްޔެ ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސް ވެފައިވާ މައްސަލަތަކުގެ ފައިލްތައް ސަރުކާރުގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކަށް ލޯޑް ކުޑަކުރުމުގެ ގޮތުންނާއި މުހިންމު އެހެން ކަންކަމަށް އެނބުރުމުގެ ގޮތުން އެ ފައިލްތައް ބަންދު ކުރަން ޖެހޭ ކަމަށެވެ.

"މި މައްސަލަތަކުގެ ތެރޭގައި އޭގެ ޒާތުގައި ސީރިއަސް މައްސަލަތަކާއި ސީރިއަސް ނޫން މައްސަލަތައް އެބަހުރި. އޭގެ ސަބަބުން، މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެފައި ނެތް މައްސަލަތައް ވެސް އެބަހުރި. ކުށުގެ އަނިޔާއެއް ލިބުނު ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހަކު ނެތް މައްސަލަތައް އެބަހުރި. އެއަށް ވުރެ ވެސް ކުދިކުދި އާދައިގެ މައްސަލަތައް ވެސް އެބަހުރި،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން ވިސްނިފައި އޮންނަނީ އެފަދަ މައްސަލަތަކަކީ ކުރިއަށް ގެންދަން ޖެހޭ މައްސަލަތަކެއް ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ އެ ވިސްނުން ދޫކޮށްލަން އެބަ ޖެހޭ ކަމަށާއި އެފަދަ މައްސަލަތަކުގައި ހިފައިގެން ދައުލަތުގެ މުދަލާއި ފައިސާ އާއި އަދި މުވަޒިފުންނާއި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ފައިދާ ހުރި ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ޓަކައި ލޯ މަރާލާފައި އެފަދަ ފައިލްތައް ބަންދު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހުނގުރާމަކުރަން ވެސް މިޖެހެނީ މިފަދަ މައްސަލަތަކުގެ ތެރެއިން ކަމަށް ވުމާއި އަދި އެ ހުރިހާ މައްސަލަތައް ވެސް ތަހުގީގު ކުރަން ޖެހެނީ އެއްބައެއް ކަމަށް ވެފައި މިވަގުތަކީ ދައުލަތުގެ މުދަލާއި ފައިސާ ބޭކާރު ކުރުމުގެ ބަދަލުގައި އެފަދަ ވަސީލަތްތައް ފައިދާ ހުރި މުހިންމު ކަންކަމުގައި ބޭނުން ކުރަންވީ ވަގުތު ކަމަށެވެ.

"ބޮޑެތި ޖިނާއީ ކުށްކުށާ ހަނގުރާމަކުރަން ވެސް މިޖެހެނީ. މިދެންނެވި އެތައް ހާސް މައްސަލަތަކާ އެކުގައި. މި ހުރިހާ މައްސަލަތަކެއް ހިންގަން ވެސް މިތިބެނީ އެއް ބައެއް. ނިޒާމުގެ އެކި ހަރުފަތްތަކާއި މަރުޙަލާތަކުގައި ފިޔަވަޅުއަޅަން ވެސް މިތިބެނީ އެއް ބައެއް... އެހެންކަމުން ލޯމަރާފައި ބައެއް މައްސަލަތަކުގެ ފައިލު ބަންދުކޮށް، އެ މައްސަލަތައް ދޫކޮށްލަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުވާ ކުރުމާއި ނުކުރުމުގެ ބާރު ލިބިގެން ވަނީ ޕީޖީ އަށް ކަމަށާއި އެހެންކަމުން ޕީޖީގައި ހުރި މައްސަލަތަކާއި އަދި ކޯޓުތަކުގައި ހުރި އެފަދަ މައްސަލަތަކަށް ދައުވާ ކުރުމާއި ނުކުރުމާއި ދޭތެރޭ ޕީޖީ އަށް ގޮތެއް ނިންމިދާނެ ކަމަށެވެ. އަދި އެކަން ކުރެވޭނެ ހަމައެކަނި ފަރާތަކީ ވެސް ޕީޖީ އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ޕީޖީ އަށް ގާނޫނު އަސާސީގެ ދަށުން ތިން ލިއުމެއްގެ އެހީތެރިކަން ހޯދިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މީގެ އިތުރުން ވެސް ވަގުތާއި ހާލަތާއި އެކަމުން ކުރާނެ މަންފާއަށާއި، އަދި ވަކިން ޚާއްޞަކޮށް، އެކަމުން ހާސިލުކޮށްދޭނެ ރައްޔިތުންގެ ޢާންމު މަސްލަޙަތަށް ބަލައި، ސީރިއަސް ނޫން މައްސަލަތަކާއި އެ ކުށެއްގެ ސަބަބުން އޭގެޒާތުގައި ޝިކާރައަކަށްވި މީހެއް ނެތް މައްސަލަތަކާއި އެ ކުށެއްގެ ސަބަބުން މީހަކަށް ނުވަތަ މުދަލަކަށް ލިބުނު ގެއްލުމެއް ނެތް މައްސަލަތަކުގައި ދައުވާ ކުރުމާއި ނުކުރުމުގެ ބާރު ޕީޖީ އަށް ލިބިގެންވާ ކަމަށެވެ.