-- ބ. ދަރަވަންދޫން ސާއިލް އަލީ --

ކޯސްޓުލައިން އިންވެސްޓްމެންޓް އިން ބ. ދަރަވަންދޫގައި އެޅި އެއާޕޯޓް ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.

މިއަދު ހަވީރު ރައީސް ވަހީދު ދަތުރުފުޅު ކުރެއްވި ފްލައިޓް ދަރަވަންދު އަށް ޖެއްސުމާ އެކު އެއާޕޯޓްގެ ފަޔާ ލޮރީތަކުން ވަނީ އެމަނިކުފާނަށް ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ. އަދި ރައީސް ވަހީދު ފުލައިޓުން ފައިބައިވަޑައިގަތުމާ އެކު ވަނީ ސަންގު ވެސް ފުމެފަ އެވެ. އަދި ފުލައިޓުން ޓާމިނަލަށް ގެންގޮސްފައި ވަނީ ހިއްޗަށް ވަޑައިގަންނަވާ ގޮތަށެވެ. އަދި އޭގެ ފަހުން ރައީސް ވަހީދު ވަޑައިގެން ދަރަވަންދޫ އެއާޕޯޓްގެ ނަން ބޯޑް ކައްސަވައި ދެއްވުމުން އެއާޕޯޓް ވަނީ ހުޅުވިފަ އެވެ.

އެމަނިކުފާނު އެއާޕޯޓް ހުޅުވައި ދެއްވުމުން ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެއާޕޯޓް ހުޅުވައިދެއްވުމަށް ފަހު ރައީސް ވަހީދު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ އެއާޕޯޓާ އެކު ދަރަވަންދޫ ވެގެންދިޔައީ ބ. އަތޮޅުގެ ވައިގެ މައި ދޮރާއްޓަށް ކަމަށާއި މިއީ ދަރަވަންދު އަށް ލިބޭވަރަށް ބޮޑު ޝަރަފަކާއި ކުރިއެރުމެއް ކަމަށެވެ.

"ދަރަވަންދޫ ރައްޔިތުންނާ ބ. އަތޮޅަށް ލިބުނު މިއުފަލުގައި އަޅުގަނޑު މި ބައިވެރިވަނީ ވަރަށް އުފަލާއި ހިތްހަމަޖެހުމާ އެކު،" ރައީސް ވަހީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ދަރުފަތުގެ ނިޒާމް ރަނގަޅުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެ އެއާޕޯޓް އެޅުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯސްޓުލައިން އިންވެސްޓްމެންޓުގެ ޑިރެކްޓާ ގަހުތާން ހަލީމް ވިދާޅުވީ 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ދަރަވަންދޫގައި އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ އެއާޕޯޓް ކަމިޔާބުކަމާ އެކު ހުުވުމުން އެކަމާ އުފާ ކުރާ ކަމަށާއި މި އެ އެއާޕޯޓުން ދަރަވަންދު އާއި ބ. އޮތޮޅުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

އަދި އެ ރަސްމިއްޔާތުގައި ވަނީ ކޯސްޓްލައިން އިންވެސްޓުމެންނެޓުން ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ރަސްމީކޮށް ހަވާލު ވެސް ކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި ފަންތީގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު އައިލެންޑް އޭވިއޭޝަނާއި ކޯސްޓުލައިން އިންވެސްޓްމަންޓުގެ އިސްވެރިންގެ އިތުރުން ބ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރަވަންދޫގެ ކިޔަވާކުދިނާއި ރައްޔިތުންގެ ތަފާތު ހަރަކާތްތަކެއް ދައްކުވައިދޭ އައިޓަމްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބ. އަތޮޅުގައި ހުޅުވިގެން ދިޔަ އެއާޕޯޓުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުން ހާއްސަގޮތެއްގައި ދަރަވަންދޫގެ ރައްޔިތުން ވަރަށް އުފަލުން ތިބި އިރު މިހާރު ވަނީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތަކެއް ވެސް ފަށައިފަ އެވެ.