ވެރިރަށް މާލޭގައި ބިޔަ އާބާދީއެއް އުފެދި އޮބިނޯންނަ ހިސާބަށް ދިއުމުން މާލޭގައި ކުރިންސުރެ ބޭނުން ކުރަމުންއައި ހެންވޭރާއި ގަލޮޅާއި މައްޗަންގޮޅި އާއި މާފަންނު ސަހަރާ އެކުއެކީގައިހެން ފުރިއްޖެ އެވެ. އެ ސަހަރާތައް ފުރުމުން 1996 ވަނަ އަހަރު ބޭނުންކުރަންފެށި މާލޭ އާ ސަހަރާއަކީ ވެރިރަށުގައި މަރުވާ މީހުން ވަޅުލުމުގައި ދިމާވެފައި އޮތް ދައްޗަށް އޭރު ވެސް ވަގުތީ ހައްލެކެވެ. ނަތީޖާއަކީ އާ ސަހަރާގެ ބޭނުން ހިފަން ފެށިއިރު ވެސް މުނިސިޕަލްޓީން ކުރި ލަފަޔާ ގާތް ކުރާ ހިސާބުގައި ޖާގަ ހުސްވުމެވެ. ބޭނުން ކުރަމުން އަންނަތާ 14 އަހަރުވެފައިވާ މައްޗަންގޮޅީ އާ ސަހަރާއަކީ އެ މަތިމައްޗަށް މީހުން ވަޅުލައި ކައިވައިތެއް ވެސް ނެތްވަރަށް ފުރުމުން މަހާނަތައް ގެނބުމާއި ސަންދޯއްތައް ބިންދައިގެން ދިއުމާއި ލިބޭ "ކައިވަތް" ބޭނުން ކުރުމުގައި ވެސް އިންތިހާ ދަރަޖައިގެ ދަތިތައް ޖަމާއަތްތެރިނަށް ކުރިމަތިވެފައިވާ ތަނެވެ. ދެން ހަދާނީ ކިހިނެއްޔެވެ؟


 ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މީގެ ދުވަސްތަކެއް ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 95 ޕަސެންޓް މީހުން ވަޅުލަނީ މާލޭގަ އެވެ.


މިނިސްބަތަށް ބަލާ އިރު މާލޭގައި ދެން ސަހަރާއެއް ހެދިއަސް މައްޗަންގޮޅީ އާ ސަހަރާވަރުގެ ސަހަރާއެއް ހެދޭނެ ފުދުންތެރިކަން މާލޭގެ ބިމުގައި ނެތް އިރު ހެދޭ ކުޑަ ސަހަރާއެއް ލަފާ ކުރާ އަހަރުތަކަކަށް ވުރެ މާ އަވަހަށް ފުރި ބަންޑުވާނެ ކަމަށް ފެނެ އެވެ.


މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި އެކަމަށް އެހެން އިންތިޒާމެއް ހޯދަން ޖެހެ އެވެ. ވިދާޅުވީ ކައިރީގައި ހުޅުމާލެ އޮތުމުން، މާލޭގައި މަރުވާ މީހުން އެ ރަށުގައި ވަޅުލުމުގެ އިންތިޒާމެއް ހަމަޖެއްސިދާނެ ކަމަށާއި ކަމާ ބެހޭ ފަރާތްތަކާ އެކު އެކަމަށް މަޝްވަރާތައް ކުރައްވާ ކަމަށެވެ.


އެންމެ ފަހުން ސަރުކާރުން މިހާރު ނިންމާފައި ވަނީ މާލޭގައި މަރުވާ މީހުން، ހުޅުމާލޭގައި ވަޅުލުމަށެވެ. ސަބަބަކީ މާލޭގައި މަރުވާ މީހުން ވަޅުލަމުން އަންނަ އާ ސަހަރާ މުޅިން ފުރި، ދެވަނަ ފަށަލައަކަށް ވެލި އަޅައިގެން މީހުން ވަޅުލަމުން ދިއުމެވެ. ހާއްސަކޮށް ދެވަނަ ފަށަލަ ވެސް މިހާރު ގާތްގަނޑަކަށްހެން ފުރިފައިވުމެވެ. އާ ސަހަރާއަށް ދެވަނަ ވެލި ފަށަލައެއް ފަތުރައިގެން މީހުން ވަޅުލަން ނިންމީ 2007ގެ ޖެނުއަރީގައި އޭރު އޮތް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުންނެވެ.


ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި ބިމަކީ އެންމެ "ލިމިޓެޑް" ވަސީލަތެވެ. ބިމުގެ ފުދުންތެރިކަން ކުޑައިރު ވެސް ސަރުކާރުން މިހާރު ވެސް މާލޭގެ ބައެއް ބިންތައް ނީލަމުގައި ވިއްކަމުން އެބަ ގެންދެ އެވެ. މީގެ މާނައަކީ ނީލަމުގައި ވިއްކަމުންދާ ބިންތަކަކީ ފުރެމުންދާ އާ ސަހަރާގެ ސަބަބުން އުފެދޭ ހުސްގޮޅި ފުރައިދޭނެ ބިންތަކަކަށް ހަދަން ބާއްވާށޭ ބުނުމެއް ނޫނެވެ. އެކަމަކު މިއީ މާލޭގައި މަރުވާ މީހުން ވަޅުލަން ހުޅުމާލޭގައި ގަބުރުސްތާނެއް ހަދާ ނަމަ މިވަގުތަށް ބައެއް މީހުން އުފައްދައިފާނެ ސުވާލެކެވެ. ހާއްސަކޮށް ސަރުކާރުގެ ގިނަ ނިންމުތަކާ ދެކޮޅު ހަދާ މީހުން މި ސުވާލުތައް އުފައްދާނެ އެވެ. ހަމައެހެންމެ ކުރިންސުރެ ވެސް މަރުވާ މީހުން އެއްރަށުން އަނެއް ރަށްރަށް ގެންދިއުމާއި ކަނޑުމަތީގައި މަރުވާ މީހުން، އާބާދުވެފައިވާ ރަށްރަށަށް އަރުވައި އުޅުމަކީ ދިވެހިން ވަރަށް ބޮޑަށް ނުރުހޭ ކަމަކަށް ވެފައި އޮތުމުން މި މައްސަލައާ މެދު އިދިކީލި ވިސްނުން ގެންގުޅޭ މީހުންތަކެއް އުޅޭނެ އެވެ.


ރައީސް އޮފީހުން ބުނާ ގޮތުގައި ސަރުކާރުގެ ނިންމުމަކީ މާލޭގައި މަރުވާ މީހުން ވަޅުލަން ކޮންމެހެން އެހެން ރަށަކަށް ބަދަލު ކުރުމެއް ނޫނެވެ. މާލޭގައި މަރުވާ މީހުން ވަޅުލުމަށް މިހާރު ކުރަންޖެހިފައިވާ ބުރަ ބޮޑު މަސައްކަތާ މެދު ވަރަށް ފުޅާދާއިރާއެއްގައި ފިކުރުކޮށް މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.


އެއްކަމެއް މުޅިން ޔަގީނެވެ؛ ބޮޑު ގަބުރުސްތާނެއް ދެން މާލޭގައި ހަދާނެ ބިމެއް ނެތެވެ. ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް މާލޭން މިވަގުތު ލިބެން ހުރި ހުސްބިންތަކުގެ ބޭނުން ބާރު ސްޕީޑްގައި ބޭނުން ހިފަމުން އެބަދެއެވެ. އެހެން ކަމުން  މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުމަށް ސަރުކާރުން ނިންމި ނިންމަށް ތާއީދު ނުކުރާ ބަޔަކު އުޅުނު ކަމުގައި ވިޔަސް މާލޭގައި އިތުރު ގަބުރުސްތާނެއް ހަދައި މީހުން ވަޅުލުމުގެ ބަދަލުގައި މައްޔިތާ ގޮވައިގެން ކަނޑު ހުރަސްކޮށްފައި ހުޅުމާލެއަށް ގެންގޮސް އެރަށުގައި އެކަން ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެވެ.  


ސަރުކާރުގެ ވިސްނުމަކީ ވެސް އަދި ނިންމާފައި ވަނީ ވެސް ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ބޮޑު ގަބުރުސްތާނެއް ހަދައި، އެ ރަށުގައި ވީހާ ވެސް އަވަހަކަށް މީހުން ވަޅުލަން ފެށުމަށެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ވެސް ސަރުކާރަށް ފައިސާތަކެއް ހޯދުމުގެ އާ ނިޒާމެއް ތައާރަފު ކުރުމެވެ. މިސާލަކަށް އުފުލާ ކޮންމެ ގަބުރަކަށް ވަކި އަދަދަކަށް ފައިސާ ނެގޭ ގޮތަށް ހެދުން ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ. އެހެން ނަމަވެސް މިއީ އަކީ ސަރުކާރުން އަދި ގޮތްތަކެއް ނިންމާފައިވާ ކަމެއް ނޫނެވެ. ސަރުކާރުން ހަމައެކަނި ބުނެފައި ވަނީ މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުމަށްޓަކައި މަރުވާ މީހުން ގޮވައިގެން "ކަނޑުހުރަސް ކުރުމަށް" ފެރީ އެމްބިއުލާސެއް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން އަންނަ ފެރީ އެމްބިއުލާންސް "ފްލީޓެ"އް ކަމެއް އަދި އެކަން ކުރާނީ ކޮން ގޮތަކަށް ކަމެއް، ބޭނުންކުރާނީ ކޮންހަލަ ފެރީއެއް ކަމެއް އަދިއެއް ނޭނގެ އެވެ.


ބަލަމާ ހިނގާށެވެ؛ ސަރުކާރުން ނިންމާފައިވާ ގޮތް ތަންފީޒު ވެގެން އަންނަ ނަމަ، އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބުރުއަރީގައި ހުޅުމާލޭގައި ބޮޑު ގަބުރުސްތާނެއް އޮންނާނެ އެވެ. އެއާ އެކު މާލޭގައި މަރުވާ މީހުން ހުޅުމާލެއަށް އުފުލާނެ "ގަބުރުފެރީ"އެއް ވެސް އެކަމަށް ހާއްސަ ޓާމިނަލެއް ވެސް އޮންނާނެ އެވެ. އެހެން ކަމަށްވާ ނަމަ މާލޭގައި މަރުވާ މީހުން ވަޅުލަން ހުޅުމާލެ އަށް ގެންދިއުމާއި މަރުވާ މީހުންގެ އާއިލާ މައްޔިތާއާ އެކު ދަތުރު ކުރުމާއި ޖަނާޒާގައި ބައިވެރިވުމަކީ ސަރުކާރުން ސިފަ ކުރާ  "ފެރީ އެމްބިއުލާންސް"ގައި ކިހާ ވަރަކަށް ފުރިހަމަ ކޮށްދެވިދާނެ ކަމެއްތޯ އެއީ މިހާރުއްސުރެ ވިސްނާލާފައި އޮންނަން ޖެހޭ ކަމެކެވެ. މައްޔިތާ ގޮވައިގެން ކަނޑެއް ހުރަސްކުރާއިރު ރައްކާތެރިކަމާއި އިހުތިރާމާއެކު މައްޔިތާ އުފުލޭނެ ހަރުދަނާ ނިޒާމަކަށް ސަރުކާރުގެ އެ ނިޒާމު ވާނެކަން ކަށަވަރުވާންޖެހެ އެވެ. ސަބަބަކީ ސަރުކާރުގެ ފެރީ ޒިނާމުގައި މިހާތަނަށް ކުރެވިފައިވާ "ހިތި ތަޖުރިބާ" އެވެ.


އަނެއް ކަމަކީ ދިވެހި ދައުލަތުގެ ރަސްމީ އިއްޒަތުގައި ވަޅުލާން ޖެހޭ މީހުން ފިޔަވައި އެންމެނަކީ ވެސް އެއް އުސޫލަކުން އެ ހާލަތުގައި އަމަލު ކުރެވޭ މީހުންތޯ ކަށަވަރުވުމެވެ. ކުރިން ވަކި ބައެއްގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވިފައި އަނެއް ބަޔަކަށް ފުރުސަތު ނުލިބިދާ ގޮތަށް އެއްބަޔަކަށް މާލޭގެ ކޮންމެވެސް ސަހަރާއަކުން ޖާގަ ލިބިފައި އަނެއްބަޔަކު "ގަބުރުފެރީ"ގައި ހުޅުމާލެއަށް ދާންޖެހޭ ގޮތް ނުވާނެކަން ޔަގީން ވެސް ވާން ޖެހޭނެ އެވެ.


މީގެ އިތުރުން ނުމޫސުމުގައި  މިހާރު ވެސް ހުޅުމާލެއަށް ދަތުރު ކުރުމަކީ ބައެއް ހާލަތުގައި ރައްކާތެރި ކަމަކަށް އޮންނީ ނުވެފަ އެވެ. ބައެއް ފަހަރު ނުމޫސޫން ދިގުލައިގެން ހިނގައިދެ އެވެ. މިކަހަލަ ދަނޑިވަޅުތަކަކީ ވެސް މީހުން މަރުވުމަށް އޮތް އިސްތިސްނާއަކަށް ނުވާނެ އެވެ. އެހެން ކަމުން "ގަބުރުފެރީ" ދުއްވުމުގައި ހާއްސް "ކޮންޓެންޖެންސީޕްލޭނެ"އް އޮންނަން ޖެހޭނެ އެވެ. އެނޫނީ ދާދި އަވަހަށް "ގަބުރުފެރީ" ކަނޑުވެދާނެ ކަމުގެ ބިރު ނަގާ މީހުން އެބަތިއްބެވެ.