ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ތިން ޗެކެއް ބައުންސްވެފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޔޮޓް ޓްއާސްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެ ކުންފުނިން ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ތިން ޗެކެއް ބައުންސްވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

ޔޮޓް ޓުއާސް އިން ވާދީ ޓްރޭޑާސް އަށް ދޫކޮށްފައިވާ ތިން ޗެކްގެ ތެރެއިން ދެ ޗެކަކީ 128،668.1ރ.ގެ ދެ ޗެކެވެ. އަދި އަނެއް ޗެކްގައި ހިމެނެނީ 13،643 ޑޮލަރެވެ.

ވާދީ ޓްރޭޑާސް އިން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 26ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ޔޮޓް ޓުއާސްގެ ޗެއާމަން އަދި މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޖާބިރަށް މިއަދު ގުޅުމުން އޭނާ ވިދާޅުވީ އެކަހަލަ ކަމެއް އެނގިފައި ނެތް ކަމަށާއި ޕީޖީ އަށް ފޮނުވާފައި އޮތިއްޔާ ދައުވާ ކުރާނެ ކަމަށެވެ. އަދި އެދިވަޑައިގަތީ އިތުރު މައުލޫމާތު ޔޮޓް ޓްއާސް އިން ހޯދުމަށެވެ.

ނަމަވެސް ޔޮޓް ޓްއާސް އަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާގޮތެއްނުވި އެވެ.

ޔޮޓް ޓްއާސްގެ ބައުންސްޖެކްގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އިރު އެ ކުންފުނިން ހިންގާ ބައެއް ރިސޯޓްތަކަށް ފައިސާ ނުދައްކައިގެން މީރާއިން އަންނަނީ ސިވިލްކޯޓުގައި ދައުވާކުރަމުންނެވެ. އެއީ ކުޑަރަށް ރިސޯޓުން ލީސްރެންޓާއި ލޭންޑް ރެންޓް އަދި ޖޫރިމަނާ ފައިސާ ނުދައްކައިގެން 187،693 ޑޮލަރު ހޯދުމަށެވެ. އަދި ހއ. އަލިދޫ ރިސޯޓުން ލީސްރެންޓް އަދި ކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް އަރާފައިވާ 1.5 މިލިއަން ރުފިޔާ ހޯދުމަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އަދި ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ، ޖޭ ހޮޓަލްސް އަށް ކާށިދޫން ދޫކޮށްފައި އޮތް ބިމަށް ކުލި ނުދައްކާތާ ހަތަރު މަސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ދާދިފަހުން ބުނެފަ އެވެ.