17 Oct 2012, 15:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި އެހެން ޕާޓީތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީ އިން މިއަދު ރައްޔިތުންގެ މަޖިލީސް ކުރާ ގޭކައިރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އެ މައްސަލާގައި ކާމިޔާބީއާ ހިސާބަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.
ނަމަވެސް އެ ޕާޓީ އިން އެފަދަ ވާހަކަތަކެއް ދައްކަވަނީ ކޮން ބަޔަކާ ކަމެއް އަލީ ވަހީދު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ "ރައީސް ވަހީދު ކަންތައްތައް ކުރައްވާ ގޮތާ މެދު ހިޔާލު ތަފާތު މެމްބަރުން ސަރުކާރު ކޮޅުގައި ތިބިކަން މިހާރު ޕާލަމެންޓް ބަހުސްތަކުން ވެސް އެބަ އެނގޭ" ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދާ ދޭތެރޭ ސަރުކާރުން ޢަމަލު ކުރައްވަމުން ގެންދަވާ ގޮތުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި އަދި ރައީސް ނަޝީދަށް ދެއްވަން ޖެހޭ އިމްތިޔާޒްތަކާއި އިނާޔަތްތަކަށް ހުރަސް އަޅުއްވާ ނަމަ ފިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިޔަސް އަދި ފަނޑިޔާރުން ކަމުގައި ވިޔަސް މަޖިލީހަށް ހާޒިރު ކުރަން ޖެހިއްޖެ ނަމަ ހާޒިރުކުރަން ޖެހިއްޖެ ނަމަ ހާޒިރު ކުރާނެ ކަމުގެ އޭނާ ދެއްވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮފީހެއް ނުގެންގުޅުއްވައި އޮފީސް އެލަވަންސް ނަންގަވާ މައްސަލައެއް ފައިނޭންސް މިނިސްޓަރު ޖިހާދު ވަނީ ފެންމަތި ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ނަޝީދުގެ އޮފީހާ ބެހޭ މައުލޫމާތު ނުދެއްވާ ނަމަ އޮފީސް އެލަވަންސް ނުދެއްވާނެ ކަމަށެވެ.
"ރައީސް ނަޝީދުގެ އޮފީސް އެލެވެންސާއި އަދި އެކި ގޮތްގޮތުން ރައީސް ނަޝީދަށް ގޮންޖަހާ މިކުރާ ކަންތައްތަކާ އަޅުގަނޑުމެން ހިތާމަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މަޖިލިސްތެރެއިން ފަނޑިޔާރުން ވެސް ހާޒިރު ކުރަން ޖެހިއްޖީއްޔާ ހަޒިރު ކުރާނަން. އަދި ފިނޭންސް މިނިސްޓަރު ހާޒިރު ކުރަން ޖެހުނަސް ހާޒިރު ކުރާނަން." އޭނާ ވިދާޅުވި އެވެ.