17 Oct 2012, 15:20
އިޒުރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ޖެއްސުމުގެ ހުއްދަ ނުދިނުމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށް، މަޖިލީހުގެ ހުއްދަ ނުހޯދައި މި އަހަރުގެ މެއި މަހު އައްޑޫ ސިޓީ ގަމަށް އިޒުރޭލުގެ ޖެޓެއް ޖެއްސި މައްސަލާގައި ޖަވާބުދާރީ ކުރުވުމަށް ޓްރާސްޕޯޓް މިނިސްޓަރު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އިޒުރޭލުގެ ޖެޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި މައްސަލަ ބެލުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް މައްސަލަ ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް އެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުން ނިންމާފައިވާ ނިންމުމަކާ ދެކޮޅަށް އިޒުރޭލުގެ ޖެޓެއް ރާއްޖޭގައި ޖެއްސުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމަށްޓަކައި ޓްރާސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް އޭނާ ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ލިބުމުން ކޮމެޓީގެ މުގައްރިރަކަށް އިންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ދެ ބޭފުޅުން ކޮމެޓިއަށް ހާޒިރުވެވަޑައިގަތުމަށް ސިޓީ ފޮނުއްވާނެ ކަމަށެވެ.
ނަމަވެސް އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރަނީ ކޮން ދުވަހަކަށް ކަމެއް މޫސާ ވިދާޅެއް ނުވެ އެވެ.
ސަން އަށް ކަށަވަރުކޮށްދިން ގޮތުގައި އިޒުރޭލުގެ ޖެޓް އައްޑޫ ސިޓީ ގަމުގައި ޖައްސާފައި ވަނީ މި އަހަރުގެ މެއި 12 ވަނަ ދުވަހު އެވެ. އެ ޖެޓް ރާއްޖެ އައީ ނުވަ ފަތުރުވެރިއަކު ގޮވައިގެންނެވެ. އަދި އެ ޖެޓް ޖެއްސުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ވަނީ ދީފަ އެވެ.
އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ދިވެހި ސަރުކާރަށް އަންގައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނީ މިއަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ގަރާރުގައި ބުނެފައި ވަނީ އިޒުރޭލުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ގައުމީ ސަލާމަތު ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނުނިންމަނީސް އިރުޒޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖައްސައިގެން ނުވާނެ ކަމަށެވެ.
އިޒުރޭލުގެ ގައުމީ އެއާލައިން "އެލްއަލް"ގެ ދަތުރުތައް ރާއްޖެ އަށް ފަށަން އުޅޭ ކަމުގެ ހަބަރު މީޑިއާގައި ފެތުރުނީ މިދިޔަ އަހަރު ފަހުކޮޅު ރާއްޖެ އައި އިޒުރޭލުގެ ލޮލުގެ ޑޮކްޓަރުންނާ ދެކޮޅަށް ބޭއްވި އެއްވުންތަކުގަ އެވެ. އެ މައްސަލާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ވަނީ ގައުމީ ސަލާމަތު ކޮމެޓީގެ ސަލާލުކަަމަށް އެކަން ގެނެސްފަ އެވެ.
އެ މައްސަލާގައި ކޮމެޓީގައި ކުރި ބަހުސްތަކުގައި މެންބަރުން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ އެތައް ހާސް މުސްލިމުންނާ ދެކޮޅަށް ހުއްޓުމެއްނެތި 60 އަހަރަށް ވުރެ ގިނަ ދުވަސްވަދެން އިޒުރޭލުން ހިންގާ ޖަރީމާ ހުއްޓާ ނުލާހާ ހިނދަކު އިޒުރޭލަށް ރާއްޖެއިން "ރުހުމެއް" ނުދެވޭނެ ކަމަށެވެ.