17 Oct 2012, 15:17
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އިން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ ޓިކެޓަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ޕާޓީގެ ޓިކެޓަށް އެދިފައި ވަނީ ކުރިން އެ ގޮނޑި ފުރުއްވި ޑރ. އަފްރާޝީމް އަލީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް އަމީން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒު ސަލީމް) މިއަދު ވިދާޅުވީ އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު މެންދުރު 2 ޖެހި އިރު ހަމަވެފައިވާ އިރު ޕާޓީގެ ޓިކެޓަށް އެދުނީ އެންމެ ފަރާތަކުން ކަމަށެވެ.
ސަލީމް ވިދާޅުވީ ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ލިޔެކިއުންތައް ސައްހަތޯ ބެލުމުގެ މަސައްކަތް އިންތިހާބާ ބެހޭ ކޮމެޓީން ކުރިއަށް ގެންދާނެ ކަމަށާއި އަދި ޓިކެޓް ދޭނެ މީހަކު އިންތިހާބާ ބެހޭ ކޮމެޓީން ކަނޑައަޅާނެ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ބައި އިލެކްޝަނަތަކުގައި އެ ޕާޓީން ވާދަކުރަން ބޭނުންވާ ފަރާތްކަށް ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް އުޅުވާލާން ޖެހެ އެވެ.
އަދި ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ މުއްދަތުގައި ޝަރުތު ހަމަވާ އެކަށް ވުރެ ގިނަ ފަރާތުން ޕާޓީގެ ޓކެޓަށް އެދި ހުށަހަޅައިފި ނަމަ ޕާޓީގެ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަށް ޕާޓީގެ އެތެރޭގައި ޕްރައިމަރީ އިންތިހާބެއް ބާއްވަން ޖެހޭ އިރު ޝަރުތު ހަމަވާ އެކަކު ޕާޓީގެ ޓިކެޓަށް އެދެފި ނަމަ އެ މީހަކަށް ޕާޓީގެ ޓިކެޓް ލިބެ އެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލުމާއި ގުޅިގެން އެގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝާން އޮންނާނީ ޑިސެމްބަރު މަހު އެއްވަނަ ދުވަހު އެވެ.