17 Oct 2012, 14:47
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރި އިރު ދެ ފަރާތުން ހެދި އެގްރީމެންޓްގެ ސަހައްހަ ކޮޕީ ސަރުކާރުން ހޯދައި ދިވެހިބަހަށް ތަރުޖަމާ ކުރަން އައިޑީޕީން ނިންމައިފި އެވެ.
އައިޑީޕީގެ ރައީސް ހަސަން ޒަރީރު މިއަދު ވިދާޅުވީ އެ އެގްރީމެންޓް ތަރުޖަމާ ކުރުމަށް އެ ޕާޓީން ނިންމީ އޭގައި ބުނާ އެއްވެސް ސައްޚަ މައުލޫމާތެއް ކަމާ ގުޅުން ހުރި ފަރާތްތަކުން ރައްޔިތުންނާއި ހިއްސާކޮށްފައި ނުވާތީ އޭގައި ހުރި ކަންކަން ރައްޔިތުންނަށް ހިއްސާކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގްރީމެންޓްގެ ކޮޕީއެއް ހޯދުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގައި އިއްޔެ އެދިފައިވާނެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން ސަރުކާރުން އެ ޕާޓީ އަށް ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެގެ ވަގުތެއްގައި އަޅުގަނޑުމެން ވާނީ މިނިސްޓްރީ އޮފް ފިނޭންސާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ލީސްކުރި އެގްރީމެންޓްގެ ކޮޕީއެއް ހީދުމަށް،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ޖީއެމްއާރަށް ދިނުމުގައި އިހުމާލުވާ ބަޔަކު ހޯދައި އެކަން އިއާދަ ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ގެންދެވޭނީ އެ އެގްރީމެންޓު ބަލައި ރަނގަޅަށް ދިރާސާކޮށްގެން ކަމަށެވެ. އަދި މިހާރު މީޑިއާގައި ލީކްވެފައިވާ އެގްރީމެންޓަކީ ސައްޚަ އެއްޗެއްކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ އެގްރީމެންޓްގައި ހުރި ކަންތައްތަކަށް ބެލުމަށް ފަހު އިހުތިޖާޖު ކުރަންޖެހޭ ކަމެއް އޮވެއްޖެ ނަމަ އެކަމަކާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ހަރަކާތްތަކެއް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މައްސަލަ ދިރާސާކޮށް ބެލުމަށް ފަހު ޝަރުއީ މަރުހަލާ މެދުވެރިކޮށް ކުރަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ އެކަމެއް ވެސް އެޕާޓީން ކުރާނެ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.