މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އުފެއްދުން ދެއްކުމަށް "ގައު ފިހާރަ" ނަމުގައި ޝޯރޫމެއް ތިލަފުށީގައި ވެސް ހުޅުވައިފި އެވެ.

އުމާރާނީ މަސައްކަތްތަކަށް ބޭނުންކުރާ އެކި ޑިޒައިންތަކުގެ ގައު އުފެއްދަމުންދާ ސަރުކާރުންގެ ކުންފުނި، އެމްއާރުޑީސީ ޝޯރޫމް ހުޅުވައި ދެއްވީ އިންޑިއާގެ މުމްބާއީގެ އެސްއެމްއެސް އިންޓަނޭނަލް ކުންފުނީގެ ޓިރެކްޓާ މރ. ކިޝޯރު އެވެ.

ޝޯރުމް ހުޅުވުމަށް މިއަދު ހެނދުނު ތިލަފުށީގައި އޮތް ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނަޒީމް ވިދާޅުވީ ރަށުން ބޭރުގައި އެމްއާރުޑީސީ ޝޯރޫމެއް ހުޅުވީ އެކުންފުނީގެ މަސައްކަތްތައް އިތުރުން ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނެވެ.

އަދި ވިދާޅުވީ ތިލަފުށީގައި އެކުންފުނީގެ ގޮތްޕެއް އުފެދިގެން ދިއުމުން އޭގެ ފައިދާ ރިސޯޓުތަކުން އެކުންފުނީގެ ގައު ވިއްކާ ފަރާތްތަކަށް ވެސް އޭގެ ފައިދާ ބޮޑުވެގެންދާނެ ކަމަށެވެ.

"ތިލަފުށީގައި ހުޅެވިގެން ދިޔަ މި ޝޯރޫމުގެ ސަބަބުން އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ނަޒީމް ވިދާޅުވި އެވެ.

މެނޭޖިން ޑިރެކްޓާ ނަޒީމް ވިދާޅުވީ އެކުންފުންނާއި އިންޑިޔާގެ ކުންފުންޏަކާއި އެކު އެކު ޖޮއިން ވެންޗާއެއްގެ ދަށުން މަސައްކަތް ކުރުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް އިތުރު ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނަޒީމް ވިދާޅުވީ މިހާރު ވެސް އެކުންފުނީގެ މަސަކަތްތައް ކުރެވެމުން އަންނަ ކަމަށާއި ހދ. ކުޅުދުއްފުށީގައި ކުންފުނީގެ ޝޯރޫމެއް ހުޅުވާ މުސްތަގުބަލުގައި އެ އަތޮޅުގައި ކުންފުނީގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ފުޅާ ވެގެންދާނެ ކަމަށެވެ.

މަގުތައް ހެދުމާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންދާ އެމްއާރުޑީސީގެ 'ގައު ފިހާރަ" ފުރަތަމަ ޝޯރުމް މާލެގައި ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.