17 Oct 2012, 14:29
މިތިބީ މިހާރު މިހިސާބުގައެވެ. ކިހާ ހިސާބެއްގައި ކަމަށް ހެއްޔެވެ؟ ހެދޭނެގޮތެއް، ހަދާނެ ގޮތެއް ނޭނގޭ ހިސާބުގައޭ ބުނެވިދާނެއެވެ. އެކަކު އަނެކަކު ދެކެ، އެއް އާއިލާ އަނެއް އާއިލާ ދެކެ، ފޫހިވެ ހިތްގޯސް ވެފައޭ ކިއޭ ވަރުގައޭ ބުނަން ޖެހިފަ އެވެ. އެއް ކުންފުނި އަނެއް ކުންފުނީގެ ބަނގުރޫޓުވުން އެދޭފަދަ ހާލެއްގައެވެ. އޮފީސްތަކުގެ މެދުގައި ހުންނަން ޖެހޭ ގުޅުންތަކަށް ބުރޫއަރައިފައެވެ. އެއް އޮފީހަކުން ކުރާ ކަންކަމާއި އަނެއް އޮފީހުން ނުގަބޫލުވެ އެކަމުގައި އެތަކެއް ނުބައި ތަކެއް އެބަހުރިކަން ދެއްކުމުގައި އަރުވާޖަހަން ތައްޔާރަށެވެ.
ކޮންމެއަކަސް މިއީ މިއަދު ކަންއޮތްގޮތޭ ބުނުމަކީ ރަތްދޮގެކޭ ނުބުނެވޭނެ އެވެ. ވީއިރު އެންމެން ވެގެން ވިސްނާފިކުރުކޮށް ގޮތްކިޔާ ޚިޔާލުފާޅުކޮށްގެން ވެސް ދެންއޮތް މޮޅުގޮތް ހޯދައި އެގޮތަކަށް ކަންކުރަން މިތިބީ މަޖުބޫރުވެފައިކަން ޔަގީނެވެ. އެކި މީހުންނަށް ވިސްނޭނީ އެކިވަރަށް ތަފާތު ގޮތްގޮތަށެވެ. އެކަމަކު މި ދިމާވެފައިވާ ހާލަތާއި މެދު ކޮންމެ މީހަކު ވެސް އެމީހަކަށް ރަނގަޅު ވެދާނެ ކަމަށް ފެންނަގޮތް ކިޔައިދީ އެފަދަ ޚިޔާލުތަކުގެ ތެރޭން "ދެން އޮތްމޮޅުގޮތް" ހޯދަން މިހާރުވެސް ލަސްވެއްޖެ އެވެ. މިގޮތަށް ފާޅުކުރެވޭ ބައެއް ޚިޔާލުތަކަކީ، އެއްބަޔަކަށް ހެއްވާ ޚިޔާލުތަކެއް ކަމުގައި ވެދާނެއެވެ. އެއާއި އެކުވެސް އެފަދަ ތަފާތު ގިނަބައެއްގެ ވިސްނުމާއި ފިކުރު ތަކުގެ ތެރޭގައި ރަނގަޅު، ބޭނުން ހިފޭނެ ދެން ހެދޭނެ ގޮތެއް ވެސް އޮވެދާނެ ކަމުގައި ގަބޫލުކުރަމާ ހިނގާށެވެ.
މި ފުރުސަތުގައި އަމިއްލަ ޚިޔާލުގައި ދެންއޮތް މޮޅުގޮތް ލިޔެލާނަމެވެ.
މިއަދު އަހަރެމެންނަށް މިއުޅެން ޖެހިފައި ވަނީ ސިޔާސީ ދެކޮޅުވެރިކަމެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެވޭތީ ހޯދަންޖެހިފައި މިވަނީ މިދެކޮޅުވެރިކަން ނައްތާލެވޭނެ ގޮތެއް ކަމަށް ވިސްނެއެވެ. މިގޮތުން އެއްމެ ފަސޭހައިން އެއްމެލުއިގޮތަކަށް ކޮށްލެވިދާނެ ކަމެއްކަމަށް ނިންމުނީ މަޖިލީހުގެ އެއްމެ ޖަލްސާއަކުން ހުރިހާކަމެއް ކުރެވޭ ގޮތެކެވެ. އެޖަލްސާއިން މައިގަނޑުދެތިން ކަމެއް ގަދަކަމުން ނަމަވެސް ފާސްކޮށް ނިންމާލެވެނިކޮށް ހުރިހާ ދެކޮޅުވެރިކަމެއް (މިވަގުތަށް) ފިލައި ހަމަޖެހި ސިޔާސީންނާއި ރައްޔިތުން ވެސް އުފާވެ ހަމަނިދި ނިދާލެވޭނެ ކަމުގައި ޔަގީންކުރެވުނެވެ. އެކަންކަމަކީ:
1. ސ- ޏ- ގދ- ގއ (4 އަތޮޅު) އެދުވަހުން އެދުވަހަށް ވަކިކޮށްލައި ދާދި ފަހުން ވެސް އެސަރަހައްދުގައި އުޅުއްވި ކުރީގެ ރައީސް ނަޝީދު އާއި ހަވާލު ކުރުން. ވެރިރަށަކީ ތިނަދޫ ކަމުގައި ނިންމަވަންޏާ ނިންމެވުން ވެސް ނަޝީދު އަތްޕުޅުމައްޗަށް ދޫކޮށްލުން.
2. ލ- ތ- ދ- ފ- މ- ވ- އދ- އއ (8 އަތޮޅު) އެދުވަހުން އެދުވަހަށް ވަކިކޮށްލައި ގާސިމް އިބްރާހީމް އާއި ހަވާލުކުރުން. ވެރިރަށަކީ މާމިގިލި ކަމުގައި ހަމަޖައްސަވާނަމަ އެކަން ގާސިމް އަތްޕުޅުމައްޗަށް ދޫކޮށްލުން.
3. ކ- އަތޮޅާއި މާލެ އެދުވަހުން އެދުވަހަށް ކުރީގެ ރައީސް މައުމޫން އާއި ހަވާލު ކުރުން. ބޭނުންފުޅު ކުރައްވާނަމަ ނައިބު ރައީސަކަށް ޢުމަރު ބެހެއްޓެވުމާއި ނުބެހެއްޓެވުން މައުމޫން ގެ އަތްޕުޅު މައްޗަށް ދޫކޮށްލުން.
4. ޅ- ބ- ރ- (3 އަތޮޅު) އެދުވަހުން އެދުވަހަށް އެސަރަހައްދުގައި އެދެވޭ މަޝްހޫރުކަމެއް ލިބިވަޑައިގެން ފައިވާ ތަސްމީނު ޢަލީ އާއި ހަވާލުކުރުން. ވެރިރަށެއްކަމުގައި އޭދަފުށި ނުވަތަ ރިސޯޓެއް ހަމަޖައްސަވަން ބޭނުންފުޅު ވިޔަސް އެކަން ތަސްމީނުގެ އަތްޕުޅު މައްޗަށް ދޫކޮށްލުން.
5. ނ- ށ- ހދ- ހއ (4 އަތޮޅު) އެދުވަހުން އެދުވަހަށް ރާއްޖޭގައި ހުންނެވި އެއްމެ ގަބޫލުކުރެވޭ އެއް އިގުތިސޯދީ ތަޖުރިބާކާރު ޔާމީން އާއި ހަވާލުކުރުން. ވެރިރަށެއް ގެ ގޮތުގައި މަނަދޫ ނުވަތަ ކުޅުދުއްފުށި ހަމަޖެއްސެވުން ޔާމީން އަތްޕުޅު މައްޗަށް ދޫކޮށްލުން.
ކޮންމެއަކަސް މިވަގުތު އަހަރެމެންނަށް ދިމާވެފައިމިވާ ދުނިޔެވީ ހައިޖާނުން ސަލާމަތްވާން ދެން ކުރަންވީ މޮޅުކަމެއް ހޯދުން ލަސްކުރެވޭކަށް ނެތެވެ. ހަމައެކަނި ވެރިން ނުވަތަ އަޑުގަދަ ރުއް ގިނަ މީހުން މިކަން ހަމަޖައްސަންދެން އަތްއުރާލައިގެން ތިބެވޭކަށް ދެނެއްނެތެވެ. ކޮންމެ މީހަކުމެ އެމީހަކަށް ކުރެވުނު މަސައްކަތެއް ކޮށް މިކަމުން ސަލާމަތް ވެވޭތޯ ގަދައަޅައި ހިތްވަރުކުރަން ޖެހެއެވެ.
އެންމެންގެ ބައިވެރިވުމަށް މިހިސާބުން މިއީ ހުޅުވުނު ދޮރެއްކަމުގައި ބަލަމާ ހިނގާށެވެ. އެމީހަކަށް ފެންނަ "ދެން އޮތް މޮޅުގޮތް" ކިއައިދީ ހާމަކުރުން އަވަސްކުރަމާ އަންނާށެވެ. ކަންކަމަކަށް ވާނީ އެކަމެއް ކުރީމައެވެ.